ޖީއެމްއާރު މައްސަލައިގައި މަގު މައްޗަށް ނުކުންނަން ޖެހިދާނެކަމުގެ އިންޒާރު ގާސިމް ދެއްވައިފި

މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓް ރައީސް ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް ދިނުމާއި ގުޅިގެން އޭރު އިދިކޮޅު ހަތަރު ޕާޓީއެއްވެގެން އެއްބަސްވެފައިވާ އެއްބަސްވުމާ މިސަރުކާރުންވެސް ހިލާފު ވާނަމަ މަގުމައްޗަށް ނިކުންނާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖީއެމްއާރް މައްސަލައަކީ ގައުމަށް ދިވާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި ރައީސް ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއާރޕޯޓް ދީފައިވަނީ ހީލަތްތެރި ރޭވުމެއްގެ ދަށުންކަމެވެ.
ގާސިމް ވިދާޅުވިގޮތުގައި ޖީއެމްއާރަށް މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓް ވިއްކާލި މައްސާލާގައި ގައުމީ ޕާޓީއާއި ޕީއޭ އާއި ޑީއާރްޕީ އާއި އަދި ޖުމްހޫރީ ޕާޓީންވެފައިވާ އެއްބަސްވުމަށް އަމަލު ކުރުމަށް މިހާރުވެސް އެދެއެވެ. ޖީއެމްއާރަށް އެއާރޕޯޓް ވިއްކާލި މައްސަލާގައި ރައީސް ނަޝީދު ސަރުކާރުން ކޮށްފައިވާ ގާނޫނާ ހިލާފު އަމަލުތައް ބެލުމަށްވެސް މިސަރުކާރަށް ގާސިމް ގޮވާލެއްވިއެވެ.
ޖީއެމްއާރަށް އެއާރޕޯޓް ދިނުމާއެކު އެކުންފުނިންވަނީ އޭވިއޭސަން ފިއުލް އާއި އެހެނިހެން ޗާޖުތަކުގެ އަގުތައްވެސް ބޮޑުކޮށްފައިކަމަށާއި މިހާރު ޖީއެމްއާރް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓުން ނަގާ ޗާޖުތަކާއި ދުނިޔޭގެ މަޝްހޫރު އެއް އެއާރޕޯޓް ކަމުގައިވާ ލަންޑަންގެ ހީތްރޯ އެއާރޕޯޓުން ނަގާ ޗާޖުތަކާއި އެއްވަރުކަމަށް ގާސިމް ވިދާޅުވިއެވެ. ޖީއެމްއާރުން އެއާރޕޯޓް ތަރައްގީކުރަނީ އެއާރޕޯޓުން އެމީހުން ނަގާ ފައިދާއިން ކަމަށްވެސް ގާސިމް ތުހުމަތު ކުރެއްވިއެވެ.
އެއާރޕޯޓުގެ އަގުތައް ބޮޑުކަމުން އެއާރލައިންތަކުގެ ޝަކުވާތައް ވަނީ އިތުރުވެފައި ކަމަށާއި ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުން އަންނަލެއް މަދުވުމަކީ ރާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ގާސީމް ވިދާޅުވިއެވެ. ރާއްޖެ އަންނަ ޓޫރިސްޓުން މަދުވެފައިވަނީ ޖީއެމްއާރުން ކަންތައްކުރާގޮތުގެ ސަބަބުން ކަމަށްވެސް ގާސިމް ތުހުމަތު ކުރައްވައެވެ.
ގާސިމް ވަނީ ގަން އިންޓަރނޭޝަނަލް އެއާރޕޯޓުވެސް އެއްވެސްވެސް ބަޔަކަށް ވިއްކާ ނުލެވޭނެކަމަށާއި މިހާރުވެސް އެތަނުގެ 51 ޕަސެންޓްގެ ހިއްސާ ރާއްޖޭގެ ބަޔަކަށް ވަރަށް ކުޑަ އަގަކަށް ވިއްކާލަން ނިންމާފައިވާ ނިންމުމަކީވެސް ދައުލަތަށް އަދި ހާއްސަކޮށް އައްޑޫ ސިޓީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ވިދާޅުވެފައެވެ.
"ހަ މިލިއަން ޑޮލަރަށް 99 އަހަރަށް 51 ޕަސެންޓް ވިއްކާލުމަކީ ކޮށްގެންވާނެ ކަމެއްނޫން. އެއީ ރައްޔިތުންގެ ކުރިއެރުމަށް އެޅޭ ވަރަށްބޮޑު ހުރަހެއް." ޗަމްޕާ އަށް ގަން އިންޓަރނޭޝަނަލް އެއާރޕޯޓް ދިނުމާ ދެކޮޅު ހައްދަމުން ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ