ހެނބަދޫން ކަރަންޓް ކެނޑޭތާ އެއް މަސް!

ނ. ހެނބަދޫ އިން ކަރަންޓް ކެނޑޭތާ އެއްމަސް ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ހެނބަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިޔާހު ވިދާޅުވީ ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކުވުމުން އެ ރަށުން ކަރަންޓް ކެނޑޭތާ މިހާރު މަހެއްހާ ދުވަސްވެފައިވާ ކަމަށެވެ.
"ދެ ޖަނަރޭޓަރު ހުންނާތީ ތެޔޮ ބަދަލުކުރާ ކޮންމެ ފަހަރަކު ރަށުން ކަރަންޓް ކަނޑާލަނީ. ކަނޑަލާ ކޮންމެ ފަހަރަކު ފެން ލިބެނީ އެއްގަޑިއިރު ފަހުން. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދިމާވޭ،" ސިޔާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޖީނުގެ ހުންނަނީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި ކަމަށްވުމުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން އިންޖީނުގެ ދުމުން ބޭރުވާ ވިހަ މާއްދާތަކުގެ ސަބަބުން އެ ހިސާބުގެ ރައްޔިތުންނަށް ފެން ބޭނުންނުކުރެވޭ ކަމަށާއި އަދި އެ ހިސާބުގައި ހުންނަ ރުށްތަކަށްވެސް އޭގެ ސަބަބުން ގެއްލުންތަކެއް ވަމުންދާ ކަމަށް ސިޔާހު ވިދާޅުވި އެވެ.
ހެނބަދޫ އިންޖީނުގެ އެ ރަށު ރައްޔިތުން ހިންގަމުން އައިސް ކުރީގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޔުޓިލިޓިސް ކުންފުނި އުވާލާ ފެނަކަ ކޯޕަރޭޝަން އުފެއްދުމުން ހެނބަދޫ އިންޖީނުގެ ވަނީ ފެނަކައިގެ ދަށަށް ބަދަލުކޮށްފަ އެވެ.
ސިޔާހު ވިދާޅުވީ ޔުޓިލިޓީސް ކުންފުންޏާ އިންޖީނުގެ ހަވާލުކުރި އިރު، ތިން އަހަރު ތެރޭގައި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އަންގާފައިވާނެ ކަަމަށާއި އެ މުއްދަތު މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވި އިރުވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
"އެ މައްސަަލަ މިހާރު ވާނީ އެލްޖީއޭއަށާއި ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައި. އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރަން އަންގާ ކޮންމެ ފަހަރަކު ފެނަކައިން ބުނާނެ ބަޖެޓް ނެތިގެންނޭ. ކޮންމެ އަހަރަކުވެސް ބަޖެޓްގައި ހިމާނާނަމޭ. މިއަހަރުގެ ބަޖެޓްގައި ހިމަނަފައިވާ ކަމުގެ މައުލުމާތު ލިބޭ. އެމަސައްކަތް ދާނެ ކަމެއް ބުނާކަށް ނޭނގޭ،" ސަަމާހު ވިދާޅުވި އެވެ.
ހެނބަދޫ ރައްޔިތެއް ކަމުގައިވާ އަހްމަދު ޝިހާމް މިއަދު ބުނީ ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓް ކަނޑާތީ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ފެން ބޭނުކުރުމުގަ އާއި ކެއްކުމަށް ދަތިތައް ދިމާވާ ކަމަށް އޭނާ ބުންޏެވެ. އެ މައްސަލަ ހައްލުކުރަން އެ އަތޮޅު ކުޑަފަރީގައި ހުރި އިންޖީނެއް ވެސް ގެނެސްފައިވާ ކަމަށާއި އެެހެންނަމަވެސް އެ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ޝިހާމް ވިދާޅުވި އެވެ.
"ސައުވީސް ގަޑިއިރުގެ ކަރަންޓް ޔަގީން" ނަމުގައި މިދިޔަ މަހުގެ ސެޕްޓެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް އަންނަ އަހަރުގެ މެދުތެރޭ ލިބިގެން ދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބޮތް ކަމަށެވެ. އެއީ ރައީސް ޔާމީނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
24 ގަޑިއިރު ކަރަންޓް ޔަގީންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ރަށަކުން ކަރަންޓް ކެނޑިގެން އުޅޭ ހަބަރު މީޑިއާގައި ރިޕޯޓްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ