އިންޓަރ ސްކޫލް ބާސްކެޓް މުބާރާތް ފަށައިފި

ސްކޫލްތަކުގެ މެދުގައި ޒަމާނުއްސުރެ ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ކަމަށްވާ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
މި މުބާރާތުގައި ސާދަ ސްކޫލަކުން 45 ޓީމު ބައިވެރިވެފައިވާ އިރު، މި ޓީމުތަށް ވަނީ 3 އުމުރުފުރާ އަކަށް ބަހާލާފަ އެވެ. އަންހެން އަދި ފިރިހެން ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ހިމެނޭ އުމުރުފުރާ ތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.
ފިރިހެން 25 ޓީމާއި، އަންހެން 20 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މިހާތަނަށް އިންޓަރ ސްކޫލް މުބާރާތެއްގައި އެންމެ ގިނަ ޓީމު ބައިވެރިވާ ފަހަރެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބާރަ އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ބައިގައި ބައްދަލުކުރީ ލާލޭ ސްކޫލާއި ގިޔާސުއްދީން ސްކޫލެވެ. މި މެޗު 11 ޕޮއިންޓް 9 ޕޮއިންޓުން ކާމިޔާބުކުރީ ލާލޭ ސްކޫލެވެ. އަދި ދެވަނަ މެޗުގައި ޖަމާލުއްދީނާއި ބިލަބޮންގް ބައްދަލުކޮށް 24 ޕޮއިންޓް 9 ޕޮއިންޓުން މެޗު ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލެވެ.
މިއަދު ކުޅުނު ތިން ވަނަ މެޗުގައި ސާދަ އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިގައި ލާލޭ ސްކޫލާއި ގާޒީ ސްކޫލް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ގާޒީ ސްކޫލެވެ. އެޓީމު މި މެޗު ކާމިޔާބުކުރީ 46 ޕޮއިންޓް 6 ޕޮއިންޓުންނެވެ. މި މެޗުގެ ޕްލޭޔާ އޮފް ދި މެޗަކަށް ހޮވިފައިވަނީ ގާޒީ ސްކޫލުގެ މުހަންމަދު ޝާވިން އެވެ.
މުބާރާތުގައި އިއްޔެ ވަނީ ހަ މެޗު ކުޅެފަ އެވެ. އެގޮތުން ބާރަ އަހަރުން ދަށުގެ ފިރިހެން ބައިގައި ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަތުން 50 ޕޮއިންޓް 6 ޕޮއިންޓުން އިމާދުއްދީން ސްކޫލް މޮޅުވިއިރު 14 އަހަރުން ދަށުގެ ފިރިހެން ބައިގައި ޖަމާލުއްދީން ސްކޫލް އަތުން އިމާދުއްދީން ވަނީ 39 ޕޮއިންޓް 11 ޕޮއިންޓުން މޮޅުވެފަ އެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ބައިގައި ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަތުން 29 ޕޮއިންޓް 8 ޕޮއިންޓުން ދަރުމަވަންތަ ސްކޫލް މޮޅުވިއިރު، ރެހެންދި ސްކޫލް އަތުން 22 ޕޮއިންޓް 10 ޕޮއިންޓުން އިސްކަންދަރު ސްކޫލް ވަނީ މޮޅުވެފަ އެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގައި އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލް ބައްދަލުކޮށް 36 ޕޮއިންޓް 29 ޕޮއިންޓުން މެޗް ކާމިޔާބު ކުރީ އިމާދުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ