ގާސިމަކީ އަޒުމް ވަރުގަދަ ބޭފުޅެއް: މައުމޫން

ޕީޕީއެމްއާ ޖުމްހޫރީ ޕާޓީއާ ދެމެދު މަޝްވަރާ ތަކެއް ކުރިއަށް ގެންދިޔަ ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަރުކާރުން ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ހުރިހާ މެމްބަރުން މިވަގުތު ތިބީ ގާސިމަށް ހިތްވަރު ދިނުމުގައި ސާބިތުކަމާއެކުގައި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ހ. ތެމާގައި ހިންގަމުން ދިޔަ ޕީޕީއެމްގެ އޮފީހަށް އެމަނިކުފާނަށް ސަޕޯޓް ކުރާ ބޭފުޅުންނަށް ނުވަދެވޭނެހެން އޮތް އޮތުމަށް އިއްޔެ އިރުއޮއްސެނިކޮށް ނިމުން ގެނައި ފަހުން މިއަދު ތެމާއަށް ކުރެއްވި ޒިޔާރާތެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހިމަށް ފިއްތުންތަކެއް ކުރިމަތި ކުރަންޖެހޭ ސަބަބު އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ދެއްވާފައެއް ނުވެ އެވެ.
މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންދަނީ ގާސިމްގެ ހިތްވަރު ބަލިކޮށްލައި އެމަނިކުފާނުގެ އަޒުން ބަލިކޮށްލުމަށް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ނުވާނެ ކަމަށާއި، ގާސިމް އިބްރާހިމަކީ އެއަށް ވުރެ މާ ހިތްވަރުގަދަ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހުރިޙާ މެންބަރުން ވެސް ތިބޭނީ ގާސިމް އިބްރާހިމާއެކު ކަމަށާއި، އަބަދުވެސް ޕީޕީއެމްގެ ފަރާތުން ގާސިމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ އިގްތިސޯދީ މަސައްކަތްތަކަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ގާސިމްގެ ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރާ 5،000 މުވައްޒަފުން އެބަތިބި ކަމަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް ވެސް ދިމާވާ ދަތިތައް ހައްލު ކުރުމުގައި ޕީޕީއެމް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕއެމްއާ ޖުމްހޫރީ ޕާޓީއާ ދެމެދު ވަރަށް މުހިއްމު މަޝްވަރާ ތަކެއް މިހާރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ކުރިއަށް ގެންދެވޭ މަޝްވަރާތަކުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށާއި، ހުރިހާ މުއައްސަސާތަކަށް ވެސް މިނިވަންކަންމަތީ މަސައްކަތްކުރުމުގެ މާހައުލެއް ވެސް ލިބިގެންދާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއާއި އަދި ޖޭޕީން ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކާއި، އިސްލާމްދީނުގެ ހަމަތަކުގެ މަތިން ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދޭން ކަމަށެވެ.
ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، ރައްޔިތުން ދެކަން ބޭނުންވާ ދުވަސް ހޯދައިދޭނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ