ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 85 މެންބަރުންނަށް ވުރެ އިތުރު ނުވާގޮތަށް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މިއަދު ކުރިއަށްދާ މަޖިލީހުގައި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވި މިއިސްލާހުގައި ވަނީ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރުވަމުންދާ ގޮތަށް ގާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކުރުމަށެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް ހަމަ ނުވާ ކޮންމެ އިދާރީ ދާއިރާއެއްގައި އެއް މެންބަރުން ތިބެންވާނެއެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ މެންބަރުންގެ އަދަދު އިތުރުވެގެން ދިއުމަކީ ގަބޫލުކުރަން ދަތިކަމަކަށްވެފައި، އެ އަދަދު އިތުރުވުމަކީ ގައުމުގެ އިގްތިސާދަށާއި ގައުމުގެ އިދާރީ ހިންގުމަށް ގެނެވޭނެ އެންމެ އެދެވޭ ބަދަލެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު އޮތް މިންވަރުގައި ހިފެއްޓޭނެއެވެ.
ބިލް މަޖިލީހަށް ހުށަހަޅުއްވަމުން އާމިރު ވިދާޅުވީ މެމްބަރުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
އަދި ގައުމުގެ އިދާރީ ހިންގުމަށް އެންމެ ހަރުދަނާ ގޮތްތަކެއް ގެނެވޭނީ އެ ބަދަލު ގެނެސްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެގެން ނުދާނެ ގޮތުގެ މަތިން މިންގަނޑެއްގައި ހިފެހެއްޓިގެން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އާމިރު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އާމިރުވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާގޮތް ހަމަޖެއްސުމަށާއި ތިން އަހަރުގެ މުއްދަތަށް އިންތިހާބުކުރާ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އޭރުގެ މަޖިލީހުން ވަނީ އެއިސްލާހު ބޭރުކޮށްލާފައެވެ.
މެންބަރުންގެ އަދަދު 85 އަށް ވުރެ އިތުރު ނުވާ ގޮތަށް އިސްލާހެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ