ރާއްޖޭގެ ހުރިހާ ރަށެއްގައި ކުތުބުޚާނާ ގާއިމުކުރަނީ

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ އާންމުންނަށް ފޮތްތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝުކުރުﷲ ޝަކީލް ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ދިރިއުޅޭ ރަށަށް ބެލުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް މި ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ އަމާޒުގެ ދަށުން، އެކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެވެސް ސިފައެއްގައި ކުތުބުޚާނާގެ ޚިދުމަތް ލިބެން ހުރުން،" ޝަކީލް ވިދާޅުވިއެވެ.
މި މަސައްކަތުގެ އިތުރުން، ގައުމީ ކުތުބުޚާނާގެ ގފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި މިހާރުވެސް ވަނީ ކުތުބުޚާނާ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، 100 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުތުބުޚާނާގެ ޚިދުމަތް ތަރައްގީކުރުމުގެ ގައުމީ އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ހުރިހާ ކައުންސިލްތަކެއް ހިމެނޭހެން ކުރިއަށްގެންދިޔަ ސާވޭއަކުން، ކުތުބުޚާނާގެ ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި ޚިދުމަތެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސާވޭގެ ނަތީޖާއަށް ބިނާކޮށް، ރަށްރަށުގެ އާބާދީއާއި ބޭނުންތަކަށް ރިއާޔަތްކޮށް އެކި ފަންތީގެ ކުތުބުޚާނާ މޮޑެލްތަކެއް ވަނީ ފަރުމާކޮށްފައެވެ. މީގެ އިތުރުން، ގައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" އެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ. މިއީ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ނެރޭ ރިޕޯޓުތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ