ޝެފް އާބިދުގެ މައްޗަށް މަރުގެ ދައުވާ ސާބިތުވެއްޖެ

ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ޕާކިސްތާން ޝެފް މުހައްމަދު އާބިދުގެ މައްޗަށް މަރުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ. 
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި ހިނގި ހަމަނުޖެހުމެއްގައި މަރުވީ އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެކެވެ. އޭނާ މަރާލި މައްސަލާގައި، ޕާކިސްތާނު ކައްކާއެއް ކަމަށް އާބިދުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. 
އޭނާއަށް ކުރާ ދައުވާގައިވާ ގޮތުން ބަންގްލަދޭޝް މީހާއަށް އާބިދު ހަމަލާދީ މަރާލީ އޭނާގެ ބޮލަށާއި މެޔަށް ހަމަލާދީގެންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. 
ޝަރީއަތުގައި އާބިދު ވަނީ ދައުވާއަށް އިންކާރުކޮށް، ވަޅިން ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ހަމަލާދެވުނުއިރު އެ ބޭނުން ކުރެވުނީ ވަޅިއެއްކަން އާބިދަށް ނޭނގޭ ކަމަށް ބުނެފައިވެ އެވެ. 
ދިފާއުގައި އާބިދު ބުނެފައިވަނީ އެ ހާދިސާ ހިނގި ވަގުތު ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އާބިދުގެ ބޮލުގައި ބަންގްލަދޭޝް މީހާ ޖެހުމުން އާބިދު ހުރީ ބޯ ބުރާންތިވެފައި ކަމަށެވެ. 
މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވިދާޅުވި ގޮތުގައި ގަސްދެއް ނެތް ކަމަށް އާބިދު ބުންޏަސް އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއް ކަން ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާ އެކު ވަޅިއަކުން ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. 
މައްސަލައިގައި ދިފާއުގައި އާބިދުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ގިނައީ އެ މަންޒަރު ފެނުނު ބިދޭސީންނެވެ. 
The most trusted news source in the Maldives
ގާޒީ ވިދާޅުވެފައިވާ ގޮތުގައި ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އާބިދު ބުނާ ވާހަކައަކީ އޭނާ އަމިއްލައަށް އުފަންކުރުވި ވާހަކަތަކެއް ކަމަށް ހެކިންގެ ހެކިބަހާއި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބުރަވެވޭ ކަމަށެވެ. 
އެހެންވެ، އާބިދުގެ މައްޗަށް ގަސްދު މަރުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އާބިދުގެ މައްޗަށް އަދަބު ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. 
އާބިދުގެ މައްޗަށް މަރަށް މަރު ހިފުމުގެ އަދަބު އިއްވާނީ ވާރިސުން އެގޮތަށް ބޭނުންވާ ނަމަ އެވެ. ނޫން ނަމަ، އޭނާގެ މައްޗަށް އަންނާނީ ޖަލު ހުކުމާއި މަރުގެ ދިޔައިގެ އަދަބެވެ. 
The most trusted news source in the Maldives
މި މަރުހަލާގައި ށ. ޅައިމަގު ބޯޓެއްގެ ތެރޭގައި ބަންގްލަދޭޝަށް ނިސްބަތްވާ ލުތުފަރު މަރާލުމުގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި މި ވަގުތު އެބައޮތެވެ. ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު 2019 ވަނަ އަހަރު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައި ވަނިކޮށެވެ. އަދި ފެނުނުއިރު ކަށިތައް ފިޔަވައި އިތުރު އެއްޗެއް ނެތެވެ.
އެ މައްސަލާގައި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލަމިން އާއި ނޫރުލް އިސްލާމް މައްޗަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވެފައިވާތީ ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް ކޯޓުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ