ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ޗައްތީސްގަޅުގައި ކުއްޔަށް ހިފައިގެން ބަޔަކު ދިރިއުޅޭ ގެއެއްގެ ތެރެއިން، ދެ ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ ފަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އާއިލާގެ މެންބަރުން މަރާލުމަށްފަހު، އެކަން ކުރި ފަރާތުން އަމިއްލައަށް މަރުވި ހާދިސާއެކެވެ.
ހާދިސާގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ސާޖިދު އަލީ (ސައްޖު) އާއި، އޭނާގެ އަންހެނުން ރާބިއާ ބާނޯ (45 އަހަރު) އާއި، 20 އަހަރުގެ ދަރިފުޅު އިރުޝާދު އަލީގެ އިތުރުން ކުޑަ ދެ އަންހެން ދަރިންނެވެ. ފުލުހުން ބުނާ ގޮތުގައި، ސާޖިދު އޭނާގެ އަންހެނުންނާއި ދަރިންނަށް ޒަހަރު ދީ މަރާލުމަށްފަހު، އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބެލެވެއެވެ.
ރައިޕޫރުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި މި ގެއިން މަރުވެފައިވާ މީހުން ފެނުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ އާއިލާގެ މީހުންނަށް ފޯނުން ގުޅައިގެން ހަބަރެއް ނުވުމާއި، ބަންދުކޮށްފައި ހުރި އެ ގެއިން ނުބައި ވަހެއް ދުވާތީ އަވަށްޓެރިންނާއި ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދިނެވެ. ފުލުހުން ގޮސް ދޮރު ވައްޓާލައިގެން އެތެރެއަށް ވަންއިރު، ސާޖިދު ފެނުނީ ސީލިންގުގައި ދަންޖެހިފައި ހުއްޓައެވެ. އަދި އޭނާގެ އަންހެނުންނާއި ތިން ދަރިންގެ ހަށިގަނޑު ފެނުނީ ގޭގެ ތަޅުންގަނޑުމަތީގައި އޮއްވައެވެ.
ތަހުގީގުގެ ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި، މި އާއިލާއަކީ އެ ގޭގައި ދިރިއުޅޭތާ އަށް މަސްވެފައިވާ ބައެކެވެ. އެމީހުން އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހުކުރު ދުވަސް އެއްކޮށް އެ ގެ ބަންދުކޮށްފައި ހުރުމުން، އެ ގޭގައި ދިރިއުޅޭ އެހެން ކުއްޔަށް އުޅޭ މީހަކު ގޭގެ ވެރިފަރާތަށް އެކަން އެންގިއެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި، އާއިލާގެ މެންބަރުންނަށް ކާންދިން އެއްޗަކަށް ޒަހަރު އެއްކޮށްފައި ހުރެދާނެއެވެ. ނަމަވެސް، މަރުވި ސީދާ ސަބަބު ކަށަވަރުވާނީ ޕޯސްޓްމޯޓަމް ރިޕޯޓާއި ފޮރެންސިކް ތަހުލީލުތަކަށް ފަހު ކަމަށް ފުލުހުން ބުނެއެވެ. ސީނިއާ ފުލުހުންނާއި ފޮރެންސިކް ޓީމަކުން މިހާރު ދަނީ އެ ސަރަހައްދު ބަލައި ފާސްކޮށް، އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ