ބިލެތްފަހީ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ހަތް ވަނަ ފަހަރަށް ރޯކޮށްލައި ކަރަންޓް ކަނޑާލައިފި

ށ. ބިލެތްފަހީގައި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަނެއްކާވެސް ބަޔަކު ރޯކޮށްލުމާ ގުޅިގެން އެ ރަށުން ކަރަންޓާއި ފޯނުގެ ހިދުމަތް ކެނޑިއްޖެ އެވެ.
މިއީ މާޗް މަހުން ފެށިގެން އެ ރަށުގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި ހަތް ވަނަ ފަހަރެވެ.
ބިލެތްފަހިން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ދޭއް ޖަހާކަންހާއިރު، މަގުމަތީ ފާރެއްގައި ހަރުކޮށްފައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލުމާ ގުޅިގެން، މުޅި ރަށުން ކަރަންޓު ކެނޑުނު ގޮތަށް އަދިވެސް ހިދުމަތް ނުލިބޭ ކަމަށެވެ. އަދި އެ ރަށުގެ ދިރާގުގެ ސާމާނުތަކުން ވެސް ކަރަންޓް ކެނޑިފައި ވާތީ ފޯނުގެ ހިދުމަތަށް ވެސް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ރަށުތެރޭގައި ތިބެގެން ފޯނުން ނުގުޅޭ ކަމަށާއި ކިރިޔާ ވެސް ގުޅެނީ އަތިރިމައްޗަށް ނުކުމެގެން ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ތުހުމަތު ކުރިގޮތުގައި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޯކުރަނީ މުޅިން ވެސް އެއް ބައެކެވެ. އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެނީ ރަށުގެ ޒުވާނުންގެ ޖަމިއްޔާއިން ކަމަށް ވެފައި، އެ މީހުންގެ މަގްސަދަކީ ޖަމިއްޔާ އަށް ގެއްލުން ދިނުން ކަމަށް އޭނާ ތުހުމަތުކުރެ އެވެ.
"މިއީ މި ރަށުގައި ސިލްސިލާކޮށް ކުރަމުން އަންނަ ކަމެއް. މިކަން ކުރަނީ ޖަމިއްޔާއާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބަޔަކު،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ޑިސްޓްރިބިއުޝަން ފޮށީގައި މީގެ ކުރިން ބަޔަކު ރޯކޮށްލައި ހަލާކު ކޮށްލުމާ ގުޅިގެން، އެ ފޮށި އާ ކުރުމަށް 25،000ރ ވަނީ ހަރަދުވެފަ އެވެ. އަދި އެކި ފަހަރު މަތިން އެކަމަށް ލައްކައެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލާގައި ރަށު ކައުންސިލްގެ އެއްވެސް ބޭފުޅަކާ، ފޯނުގެ ގުޅުން ހުރި ގޮތުން، ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ