މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

ސޮކާ ވެޓަރެންސާއި މައިލޯ ގުޅިގެން ކުރިއަށްގެންދާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގައި މިއަހަރު 17 ސްކޫލަކުން 33 ޓީމު ބައިވެރިވެއްޖެ އެވެ.
ގްރޭޑް ދޭއް އަދި ތިނެއްގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން 594 ދަރިވަރުން ބައިވެރިވާނެ އެވެ.
މި ހަފްތާގެ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހެންވޭރު ބޯޅަ ދަނޑުގަ އެވެ.
ސޮކަ ވެޓަރެންސުން އަންނަނީ ކުޑަ ކުދިންނަށް ފުޓުބޯޅަ ދަސްކޮށްދިނުމަށާއި ކުޑަ ކުދިން ފުޓުބޯޅަ އަށް އަހުލުވެރި ކުރުމުގެ ގޮތުން ގިނަ ފެސްޓިވަލްތަކެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުންނެވެ.
މާލޭގެ ސްކޫލްތަކަށާއި އަތޮޅު ތެރޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގަމުން އަންނަ މި ފެސްޓިވަލްތަށް މިހާރު ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަށް ވެސް ފުޅާ ކުރެވިފަ އެވެ. މީގެ އިތުރުން މިއަހަރު އިތުރު އަތޮޅުތަކަށް މި ފެސްޓިވަލް ފުޅާ ކުރެވިގެންދާނެ ކަމަށްވެސް ސޮކަ ވެޓަރެންސުން މައުލޫމާތުދެ އެވެ. އެގޮތުން މިއަހަރު ނ. އަތޮޅަށާއި ގދ. އަތޮޅަށް ވެސް މިއަހަރު ފެސްޓިވަލް ގެންދާނެ ކަމަށް އެފަރާތުން ބުންޏެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި ގްރޭޑް ދޭއް އަދި ތިނެއްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ