ޗެލެންޖް ކަޕްގައި ވާދަކުރުމުގެ މަގު ރާއްޖެ އިން ވަރަށް ބޮޑަށް ތަނަވަސްކޮށްފި

އަޑުބަރޭ އާއި ބޮންޑާ ކާމިޔާބުކޮށްދިން ދެ ލަނޑާ އެކު 2- 1 އިން ކިރިގިސްތާން ބަލިކުރުމުން ފުރަތަމަ ފަހަރަށް އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވުމާ ވަރަށް ގާތަށް ރާއްޖެ ޖެހިލައިފި އެވެ.
މިއަދުގެ ނަތީޖާއާ އެކު ރާއްޖެ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. މިރޭ ކެމްބޯޑި އާއި ތަޖިކިސްތާން ބައްދަލުކޮށް ކެމްބޯޑިއާ މޮޅުވުން ނޫން އެހެން ކޮންމެ ނަތީޖާއެއް ނުކުތަސް 2012 ގައި އޮންނަ ޗެލެންޖް ކަޕަށް ރާއްޖެ ދާނެ އެވެ.
ދެ މެޗުން ބަލިވުމުން ކިރިގިސްތާން ވަނީ މުބާރާތުން ގާތްގަނޑަކަށް ކަޓާފަ އެވެ. އެކަމަކު ގްރޫޕްގެ ނަތީޖާތަކަށް އަންނާނެ ބަދަލު ބޮޑަށް އެނގޭނީ މިރޭގެ މެޗަށް ފަހު އެވެ. މިރޭ ތަޖިކިސްތާން މޮޅުވެއްޖެ ނަމަ ރާއްޖެ އާއި ތަޖިކިސްތާން ޗެލެންޖް ކަޕަށް ކޮލިފައިވާނެ އެވެ. ކެމްބޯޑިއާ މޮޅުވެއްޖެ ނަމަ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ކަނޑައަޅަން ޖެހޭނީ އެންމެ ފަހު ދެ މެޗުންނެވެ.
އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ ދެ ވަނަ ދަރަޖައިގެ ޗެލެންޖް ކަޕަކީ ފުޓްބޯޅާގައި އިތުރު ހަރުފަތަކަށް ރާއްޖެ ދިއުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ. އަދި ޗެލެންޖް ކަޕްގެ ޗެމްޕިއަނުންނަށް އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އޭޝިއާ ކަޕުން ޖާގަ ލިބެ އެވެ. އެހެންކަމުން ޗެލެންޖް ކަޕަކީ އޭގައި ވާދަކުރާ ޓީމުތަކުން ވަރަށް ސީރިއަސްކޮށް ނަގާ، ބޮޑު މުބާރާތެކެވެ.
މިއަދުގެ މެޗުގައި ކުޅިބަލާ މީހުންގެ ފަރާތުން ފެނުނު ބައެއް އަމަލްތަކާ މެދު ކަންބޮޑުވާން ޖެހެ އެވެ. ދަނޑަށް އެއްޗެހި އުކުމަކީ ރާއްޖެ ސަސްޕެންޝަނަކާ ހަމައަށް ހިނގައިދާނެ މައްސަލައެކެވެ.
އުތުރު ފަރާތު ސިޑި ބަރިން ދަނޑަށް އެއްޗެހި އުކާތީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވަޑައިގެން އެކަން އެގޮތަށް ނުކުރުމަށް ބެލުންތެރިންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ކެޕްޓަން ދަގަނޑޭ ވެސް ވަނީ އެތައް ފަހަރަކު އެގޮތަށް އެދިފަ އެވެ. އެއްފަހަރަކު ކުޅިބަލާ މީހުން ކައިރިއަށް ޖެހިލާފައި ވެސް އޭނާ އެގޮތަށް އެދުނެވެ.
ހަގީގަތުގައި ރާއްޖޭގެ ސަޕޯޓަރުންގެ ސަޕޯޓަކީ ގައުމީ ޓީމު މޮޅުވުމުގެ ވަރަށް ބޮޑު ހިތްވަރެކެވެ. ރަތް ޖާޒީގައި، ރަތް ހެދުންތަކާއި ދިދަތައް ހިފައިގެން ދެމުންގެންދާ ސަޕޯޓު އޭގެ ގޮތުގައި ދަމަހައްޓަން ޖެހެ އެވެ. ކެޕްޓަން ދަގަނޑޭ ވަރަށް ގިނަ ފަހަރު ސިފަކޮށްފައިވަނީ ކުޅިބަލާމީހުންނަކީ ގައުމީ ޓީމުގެ " 12 ވަނަ ކުޅުންތެރިޔާ" ގެ ގޮތުގަ އެވެ.
މިއަދުގެ މެޗުން މޮޅުވުމުން އަދިވެސް ދަނޑުގައި ދަނީ އުފާފާޅުކުރަމުންނެވެ. އެކަމަކު މިހާ ހިސާބުން ހަވީރު އޮންލައިން ލައިވް ކަވަރޭޖް ނިންމާލީ އެވެ.
90+ - ކިރިގިސްތާނުން ފޮނުވާލު ހަމަލާ އިމްރާން ދިފާއުކޮށްފި.
89- ތިން މިނިޓްގެ އިތުރު ވަގުތު ދައްކައިފި.
88 - ކިރިގިސްތާނަށް ލިބުނު ކޯނަރު ބޭރަށް. އޮއްޕޮ ބާލާފައި މުހައްމަދު ތަސްނީމް އަރުވައިފި. މިއީ ތަސްނީން ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗު.
87 - ކިރިގިސްތާނުގެ ކަރުޗެންކޯ ލަނޑު ޖަހާ 2- 1 އަށް ބަދަލުކޮށްފި
85 - ކިރިގިސްތާނު ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް. އަދި އެ ޓީމަށް ލިބުނު ކޯނަރު އިމްރާން ދިފާޢުކޮށްފި.
84 - ބޮންޑާ އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އެކަނި އަރާފައި މާ ބާރަށް ޖައްސާލުމުން ކީޕަރު ދިފާޢުކުރި. އޭރު ދަގަނޑޭގައި އަންމަޑޭ ހުރީ މުޅިން ހުހަށް.
83 - ދަނޑަށް އެއްޗެހި އުކުމަކީ އޭގެ ސަބަބުން ރާއްޖެ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމެއް. އެހެންކަމުން ކުޅިބަލާ މީހުންގެ އެ އަމަލް ހުއްޓުވަން ޖެހޭ.
82 - ކިރިގިސްތާނު އޭރިޔާގެ ތެރެއަށް ވަދެ ދަގަނޑޭ ހުރަސްކޮށްލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން އޮއްޕެ ފޮނުވާލި އެކަމަކު ކީޕަރުގެ އަތަށް. ކިރިގިސްތާނުގެ ކޯނަރެއް އިމްރާން ދިފާޢުކޮށްފި.
80 - ދަގަނޑަށް އެއްޗެހި އުކާތީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވެސް ކުޅިބަލާ މީހުން ކައިރިއަށް ވަޑައިގެން ހަމަޖެހުމަށް އެބަ އެދިވަޑައިގެންފި. އަދި ދަގަނޑޭ ވެސް ގޮސް ކުޅިބަލާ މީހުންގެ ކިބައިން އެހެން ނުހެދުމަށް އެދެފި.
79 - ކިރިގިސްތާނު ކޯޗު އޮރުމަބެކޯފް ދަނޑުން ފޮނުވާލައިފި.
78 - ދަގަނޑޭ ހުރަސްކޮށްލި ބޯޅަ ބޮންޑާ ގޯލަކަށް. ގޯލަށް ވަދެފައި އޮއްވާ ދިފާއުކުރިޔަސް ލައިންސްމަން ދެއްކީ ގޯލެއް ކަމަށް.
75 - ކިރިގިސްތާނުގެ ދިފާއީ ކުޅުންތެރިޔާ ބައިމަޓޯފު ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާ ފޮނުވާލައިފި. ކިރިގިސްތާނު އޭރިޔާ ބޭރުން ރާއްޖެ އަށް ހިލޭ ޖެހުމެއް. މުޚުތާރު ބާލާފައި އަހުމަދު ރަޝީދު (އަންމަޑާ) ކުޅެން އަރުވައިފި
71 - މުހުތާރަށް ކުރި ފައުލަކާ އެކު ކިރިސްތާނު ކުޅުންތެރިޔަކު ރެފްރީއާ ދިމާއަށް އެއްޗެކޭ ބުނުމުން ރީނދޫ ކާޑެއް.
69 - ކިރިގިސްތާނު އޭރިޔާގެ ހަމަ ބޭރުން މުހުތާރަށް ކުރި ފައުލަކާ ގުޅިގެން ކިރިގިސްތާނު ކުޅުންތެރިޔަކަށް ރީނދޫ ކާޑު. ލިބުނު ހިލޭ ޖެހުން ދަގަނޑާ ފޮނުވާލުމުން ދިފާއުކުރި.
68 - ކިރިގިސްތާނު ކުޅުންތެރިން ވަރަށް ރީތި ތުރޫ ޕާސްތަކެއްގައި ގޯލަށް ހަމަލާދޭން އުޅެނިކޮށް އިމްރާން ދިފާއުކުރި.
66- އިއްސޭ ބާލާފައި ބޮންޑާ ކުޅެން ނުކުމެއްޖެ.
65 - ރެފްރީއާ ދިމާއަށް އެއްޗެކޭ ބުނެގެން ކިރިގިސްތާނު ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް ދައްކައިފި. ދެ ވަނަ ހާފުގައި ރާއްޖެ އަށް ވުރެ މޮޅަށް ކުޅެމުން ގެންދަނީ ކިރިގިސްތާނު.
64- ކިރިގިސްތާނު ގޯލު އޭރިޔާ ކައިރީގައި ރާއްޖެ އިން ކުޅެމުން ގޮސް މުހުތާރު ނެގި ހުރަސް ބޭރަށް.
ާ 61 - ކިރިގިސްތާނަށް ލިބުނު ކޯނަރު ބޮލުން ޖެހުމުން އިމްރާންގެ އަތަށް.
58- ރާއްޖޭގެ އޭރިޔާގެ އަރިމަތިން އިއްސޭ ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުން އޮއްޕޮ ކޯނަރަކަށް ބޭރަށް.
57 - ރާއްޖޭގެ އޭރިޔާ ތެރެއިން ކިރިގިސްތާނު ފޮނުވާލި ބޯޅަ ގޯލު އަރިމަތިން ބޭރަށް.
54- ކިރިގިސްތާނުން ތަންކޮޅެއް ރަނގަޅަށް ކުޅެގަނެފި.
52 - ކިރިގިސްތާނުގެ ފޯވަޑް އަމިނޯފަށް ލިބުނު ހުސްބޯޅަ ފޮނުވާލުމުން އިމްރާން ވަރަށް ރީއްޗަށް ހިފި.
50 - ދިވެހި ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކުމުގެ މައްސަލަ ބޮޑުވެއްޖެ.
46 - ދެ ވަނަ ހާފުގެ ކުޅުން ކިރިގިސްތާނުން ފަށައިފި. ދިވެހި ޓީމަށް ދިވެހި ސަޕޯޓަރުން ދެމުން އަންނަ ސަޕޯޓަކީ ލާމަސީލު މިސާލެއް.
45 - ރާއްޖެ ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިއްޖެ. މި ހާފުގައި ރާއްޖެ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު. އަދި ހާފުގެ ފަހު 10 މިނިޓްގެ ތެރޭގައި ކިރިގިސްތާނުން ތަންކޮޅެއް ބޮޑަށް ޕާސްކޮށްގެން ކުޅުނު. އެކަމަކު ކީޕަރު އިމްރާނަށް ނުރައްކާވާރުގެ ހަމަލާއެއް އުފެއްދިފައެއް ނުވޭ.
42 - ރާއްޖޭގެ ކުޅުންތެރިންނަށް ތަންކޮޅެއް ގިނައިން ފައުލް ކުރެވޭ އިރުކޮޅެއް. މިހާރު އޮއްޕޮގެ ފައުލަށް ގޯލު ކުރިމަތިން ލިބުނު ހިލޭ ޖެހުން ގޯލު އަރިމަތިން ބޭރަށް.
40 - ކިރިގިސްތާނަށް ލިބުނު ކޯނަރު ގޯލު ކުރިމަތިން ކުޅުންތެރިޔަކު ޖަހަން އުޅެނިކޮށް އައްސަދު ސާފުކޮށްލި.
38- ރާއްޖޭގެ ގޯލް އޭރިޔާގެ ތަންކޮޅެއް ބޭރުން ކިރިގިސްތާނަށް ލިބުނު ހިލޭ ޖެހުން ގޯލު މަތިން ބޭރަށް.
35- ދަގަނޑޭ އޭރިޔާ ތެރެއިން ނައްޓާލި ބޯޅައަކަށް ވެއްޓި ގަތްކަމަށް ބަލާފައި ރީނދޫ ކާޑެއް ދައްކައިފި.
31 - ބަކާ މެދުތެރެއިން އޮއްޕޮ އަށް ދިން ބޯޅަ އޮއްޕަ ގޯލު އޭރިޔާގެ ބޭރުން ފޮނުވާލި. އެކަމަކު މާމަތިން ބޭރަށް.
29- ދަގަނޑޭގެ ވަރަށް މޮޅު ބޯޅައެއް ހުރަސްކޮށްލުމުން ކޯނަރަކަށް ބޭރުވި. ޓޫކިލޯގެ ކޯނަރު ބަކާ އަށް ލިބުނު އެކަމަކު ހަމަލާއެއް ނުއުފެއްދި ބޭރަށް.
26- ދަގަނޑޭ މުޅިން ހުހަށް އަރާ ކީޕަރު ކައިރިން ނައްޓާލަން އުޅެނިކޮށް ކީޕަރު މަތަކުރި. މެޗުގައި މިހާތަނަށް ލިބުނު އެންމެ ހުސް ފުރުސަތު. ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކިރިގިސްތާނު ކީޕަރަށް ލިބުނު އަނިޔާ އަކަށް މިހާރު ފަރުވާދެނީ. ދަނޑުގައި ވަރަށް ފޯރިގަދަ. ބެރާއި އަތްތިލަބަޑި އާއި ދުންމާރީގެ އަޑު ގުގުމާފައި.
25- ވަރަށް ހިތްގައިމުކޮށް ދިވެހި ޓީމު ކުޅެލާފައި ނުރައްކާކުރި ހަމަލާއެއް ދިފާއުކުރި ތަނުން ކިރިގިސްތާނު ކުޅުންތެރިން އޭރިޔާ ބޭރުން ކުރި ފައުލަކާ ގުޅިގެން އުމައިރު ޖެހި ހިލޭ ޖެހުން ގޯލުގެ އަރިމަތިން ބޭރަށް.
20- ދަގަނޑޭގެ ހިލޭ ޖެހުމެއް ގޯލުގެ ކަނަށް ދަނިކޮށް ކީޕަރު ކޯނަރަކަށް ބޭރަށް. އޮއްޕޮގެ ކޯނަރު ދަގަނޑޭ އަށް ޖައްސާލުމުން އަނެއްކާ ވެސް ކޯނަރަކަށް. މިފަހަރު އަރިމަތިން ކިރިގިސްތާނު ކުޅުންތެރިން ބޭރުކޮށްލީ.
13- ފިޒިކަލީ ގޮތުން ކިރިގިސްތާނުގެ ގިނަ ކުޅުންތެރިން ވަރުގަދަ. އިސްކޮޅުން ވެސް ބިޔަ. އޭގެ ބޭނުން ހިފޭތީ ހުރަސް ނަގައިގެން މަތިން ވައްޓާލައިގެން ބޮލުން ޖަހަން މަސައްކަތްކުރޭ. އެކަމަކު ރަނގަޅު ފުރުސަތެއް ދިވެހި ކުޅުންތެރިން ނުދޭ.
12 - އުމެއިރު ކުރި ފައުލަކާ ގުޅިގެން ރީނދޫ ކާޑެއް.
10 - ދަގަނޑޭ އަށް ލިބުނު ބޯޅަ ތިން ކުޅުންތެރިން ކައިރިން ނައްޓާލަން އުޅެނިކޮށް ކުރި ފައުލަކަށް ކިރިގިސްތާނު ކުޅުންތެރިޔަކަށް ރީނދޫ ކާޑު. ހިލޭ ޖެހުން އޭރިޔާގެ ތަންކޮޅެއް ބޭރުން.
08 - ކިރިގިސްތާނަށް ލިބުނު ކޯނަރުގައި ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅަ ބޭރަށް.
04 - ކޯނަރުގައި ބަކާ ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން އަޑުބަރޭ ބޮލުން ވަރަށް ހިތްގައިމު ލަނޑެއް.
04- އަޑުބަރޭ ދިން ބޯޅަ ހުހަށް އަރާ ދަގަނޑޭ ޖެހުމުން ކީޕަރު ކޯނަރަކަށް ބޭރަށް.
01 - އުމެއިރު ފޮނުވާލި ބޯޅަ ކޯނަރަކަށް. ކިރިގިސްތާނު ކޯނަރުގައި އޭރިޔާ ތެރެއިން އެމީހުން ފައުލެއް.
00 - ރާއްޖެ ކޮއްޓައިގެން މެޗުގެ ކުޅުން ފަށައިފި.
މާލޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން ގްރޫޕް ސީގައި ކިރިގިސްތާނާއި ރާއްޖެ ބައްދަލުކުރާ މެޗަށް ދެ ޓީމު ދަނީ ތައްޔާރުވަމުންނެވެ. އުޑުމަތި ރީތި، އަވިގަދަ ދުވަހެކެވެ. ކުޅިބަލާ މީހުން މިހާރު ގެންދަނީ ސިޑިބަރި އާއި ގޮނޑި ބަރި ފުރަމުންނެވެ. ގިނަ ބަޔަކު ތިބީ ރަތް ޖާޒީގަ އެވެ.
މިއަދު ރާއްޖެ އިން ނުކުންނަ ފުރަތަމަ 11 އަށް އެ ބައްދަލު ވަނީ އައިސްފަ އެވެ. ކެމްބޯޑިއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 ގައި ނުކުތް ހުސެން ނިޔާޒު މުހައްމަދު (ބޮކުރީ) ގެ ބަދަލުގައި މިއަދު ނުކުންނަނީ އިސްމާއިލް މުހައްމަދު (އިއްސެ) އެވެ.
ރާއްޖޭގެ ފުރަތަމަ 11
4- މުހައްމަދު އުމެއިރު
5- އިބްރާހިމް ފަޒީލް (އޮއްޕޮ)
6- މުހައްމަދު އާރިފް (ބަކާ)
7- އަލީ އަޝްފާގު (ދަގަނޑޭ) - ކެޕްޓަން
9- އަސްހަދު އަލީ (އަޑުބަރޭ)
13- އައްސަދު އަބްދުލްގަނީ
14- އަހުމަދު ސައީދު (އަންމަޓީ)
16- އިސްމާއިލް މުހައްމަދު (އިއްސެ)
19- އަކުރަމް އަބްދުލްގަނީ
23- މުހުތާރު ނަސީރު (ޓޫކިލޯ)
25- އިމްރާން މުހައްމަދު (ކީޕަރު)
ކޯޗު- ޑިއޭގޯ ކުރިސިޔާނީ (އާޖެންޓީނާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ