ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމް ކުރެއްވުމުގެ މަސައްކަތް މައުމޫން ފައްޓަވައިފި

ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތް ފެއްޓެވިކަން ޕީޕީއެމްގެ ރައީސް މައުމޫން އިއުލާނު ކުރައްވައިފިއެވެ.
ރައީސް މައުމޫނާއި ޖޭޕީ ލީޑަރާއެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިޔާއަށް ވިދާޅުވީ، ޖޭޕީ އާއެކު މަޝްވަރާ ކުރެއްވީ ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމްކޮށް، ހަގީގީ ޑިމޮކްރެސީއެއް ގާއިމް ކުރެވޭނެ ގޮތަކާއި ބެހޭ ގޮތުން ކަމަށެވެ.
ނަަމަވެސް މިއަދު ކުރެވުނު މަޝްވަރާތަކުގައި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ރައީސް މައުމޫން އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވިދާޅުވިއެވެ.
ވަކި ސަރުކާރެއް ގާއިމްކުރުމުގެ މަސައްކަތް ފެއްޓެވިކަން ދޭހަވާފަދަ މޭރުމަކުން ރައީސް މައުމޫން ވާހަކަދުޅުދެއްކެވިއިރު، ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރައްވާނެ ގޮތެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
"ސަރުކާރު ހޮވި މަގުސަދުތަކެއް މިހާރު ހާސިލްވަމުން ނުދޭ. މިއަދު ޖޭޕީއާއެކު މަޝްވަރާކުރެވުނީ ބާރުތަށް ވަކިކުރެވިފައިވާ ސަރުކާރެއް ގާއިމުކުރުމާއި، ހަގީގީ ޑިމޮކްރެސީ ގާއިމުކުރެވޭނެ ގޮތްތަކާއި މެދު" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މިހާރު ބާރެއް ނެތް ކަމަށާއި، ހުރިހާ ތަނެއްވެސް ހިނގަމުންދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ކަމަށެވެ. ޕީޕީއެމްގައި އޮތް ބާރު އެމަނިކުފާނުގެ އަތުން ނިގުޅައިގަތީ، ބާރުގެ ބޭނުންކޮށްގެން ކަމަށްވެސް، ރައީސް މައުމޫން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ، ޕީޕީއެމްގެ ރައީސަކީ އަދިވެސް ރައީސް މައުމޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
ރައީސް މައުމޫންއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވަކި ކަމެއް ނިންމާފައިނުވާ ކަމަށާއި، ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން ވަރަށް ހަރުދަނާ ހުށައެޅުންތަކެއް ލިބިފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައީސް މައުމޫން އަދި އެހެން ފަރާތަކުން ވެސް ހުށައަޅާ ރަނގަޅު ކަންތައްތަށް ބަލައިގަންނާން" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ