އިއްތިހާދުން ނަޝީދަށް އަދަބު ދޭނެ: އުމަރު

ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ އެމަނިކުފާނުގެ މައްޗަށް އަތުވެދާނެ ހުކުމަކުން ރެކިވަޑައިގެންނެވޭނެ ކަމަށް ހީފުޅު ކުރައްވައިގެން ކަމަށާއި އެހެންނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު ނަޝީދު ހުންނަވާނީ ޖަލުގައި ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީގައި އުމަރު މިރޭ ވިދާޅުވީ ނަޝީދުގެ ހުރިހާ ވެސް މަގުސަދަކީ ކުރައްވާފައިވާ ކުށްތަކާ ގުޅިގެން އަތުވެދާނެ ހުކުމަކުން ރެކިވަޑައިގަތުން ކަމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާއިން އެމަނިކުފާނުގެ މައްޗަށް ހުކުމެއް އިއްވާނެ ކަމަށް އެމަނިކުފާނަށް ޔަގީންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ސަރުކާރުގެ ތެރޭގައި ތިބި ޕާޓީތަކުން ދިވެހި ދައުލަތް މެދުވެރިކޮށް ނަޝީދުގެ މައްޗަށް ހުކުމެއް ކުރުވާ ނަޝީދު ޖަލަން ގެންދާނެ ކަމަށެވެ.
~
"އަޅުގަނޑުމެން މި ސަރުކާރުގެ ތެރޭގައި ހިމެނޭ ހުރިހާ ބައިވެރިން މިކަން ކުރުވާނަން ދިވެހި ދައުލަތް ލައްވާ. ރާއްޖޭގެ ގާނޫނާ ހިލާފަށް ސިފައިން ލައްވާ ދިވެހި ރާއްޖޭގެ ފަނޑިޔާރަކު ވަގަށް ނަގައި އެ ފަނޑިޔާރު 22 ދުވަސް ވަންދެން ވަކި ރަށެއްގައި ގެންގުޅުނު ވެރިޔަކު އަޅުގަނޑުމެން ދޫކޮށެއް ނުލާނަން އަދުލު އިންސާފުގެ ކުރިމައްޗަށް ނުގެނެހެއް. އެހެންވީމާ އަދުލު އިންސާފުގެ ކުރިމައްޗަށް ނަޝީދު ހާޒިރު ކުރެވޭނެ ނަޝީދު ޖަވާބުދާރީ ވާންޖެހޭނެ. ނަޝީދަށް އަދަބު ލިބޭނެ،" އުމަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށްވެވަޑައިގަތުމުން ދިވެހި ދައުލަތުގެ މުއައްސަސާތަކަށް ނަޝީދުގެ ގައިގައި އަތްލާން ނުކެރޭނެ ކަމަށް ނަޝީދަށް ހީފުޅުކުރެއްވޭ ކަމަށާއި އެކަން ކުރުން ވާނީ ސަރުކާރަށް އެޅޭ ކަތި ފިޔަވަޅަކަށްވާނެ ކަމަށް ވެސް ނަޝީދު ހީފުޅު ކުރައްވައިގެން ހުންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ނަޝީދު ޑިމޮކްރަސީއޭ ވިދާޅުވެ ވާހަކަފުޅު ދެއްކެވުމުން ރައްޔިތުން އޭނާއާ ގައުމު ހަވާލު ކުރި. އެ ޑިމޮކްރެޓިކް ނިޒާމުގެ ބޭރުން ކަން ކުރައްވާ ޖުޑިޝަރީ ފުނޑުފުނޑު ކޮށްލަން ތައްޔާރުކުރައްވާފައި ވަނިކޮށް ރައްޔިތުން ނުކުމެ އެބޭފުޅާ ބަދަލު ކުރީ. ރައްޔިތުންނަށާއި އިންޓަނޭޝަނަލް ކޮމިއުނިޓީއަށް އެނގޭ އެކަން. އެހެންވީމާ ނަޝީދު ކުރެއްވި ކުށްތަކަށް ދިވެހި ދައުލަތުގެ ފަރާތުން، ރާއްޖޭގެ ޖުޑިޝަރީން ނިޔާ ކަނޑައަޅާނެ ކަންކަން. އެހެންވީމަ އެހެން ހީކުރެއްވުމަކީ ކުށް ހީއެއް،" އުމަރު ވިދާޅުވި އެވެ. "އެ ފިޔަވަޅު އެޅީމާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނަ އިރު ނަޝީދު ހުންނަވާނީ ޖަލުގައި ކަމަށް އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް. އެކަމަކު އަދަބުން ރެކިވަޑައިގަތުމަށް ރިޔާސީ ޓިކެޓް ހާސިލުކުރައްވައިގެން އެކި ވާހަކަ އުސް ފަސްގަނޑުގައި ދައްކަވަނީ،"
އުމަރު ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ސަރުކާރުން ކުރަންޖެހޭ ތަހުގީގުތަކާއި ހިއުމަން ރައިޓްސްގެ ތަހުގީގީ ޕީޖީ އޮފީހަށް ވަދެފައިވާ ކަމަށާއި ދެން އޮތީ ޕީޖީގެ މަރުހަލާ ކަމަށެވެ.
"ސަރުކާރުގެ ރޯލަކީ މައްސަލަ ތަހުގީގު ކުރުން ފުލުން އެކަން ކޮށްފި. އެޗްއާރްސީއެމުން ވެސް ތަހުގީކޮށް ރިޕޯޓް ފޮނުވައިފި. ދެން އޮތީ ޕީޖީގެ ދައުރު. އެމަނިކުފާނަކީ މިނިަވަން ބޭފުޅެއް. އެމަނިކުފާނު މި މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. ވިދާޅުވެފައި އެބައޮތް ކުރައްވާނަމޭ. އެމަނިކުފާނު އެކަން ކުރައްވާނެ ކަމާމެދަކު ޝައްކެއް ނެތް. ދައުވާ އުފުލީމާ ނަޝީދަށް ޖެހިވަޑައިގަންނަވާނީ ކޯޓަށް ހާޒިރުވެ ވަޑައިގެން ދައުވާއަށް ޖަވާބު ދެއްވަން،"
އުމަރު ވިދާޅުވީ ކޯޓަށް ވަޑައި ނުގެން އެއީ ގަބޫލުފުޅު ކުރައްވާ ތަނެއް ނޫން ކަމަށް ވިދާޅުވެ ނަޝީދު ރާއްޖެ ދޫކުރައްވާން އުޅުއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހާލަތުގައި ސަރުކާރުން ނަޝީދު ހުއްޓުވާ ކޯޓަށް ހާޒިރު ކުރުވާނެ ކަމަށެވެ. އަދި އެކަމުގައި ނަޝީދުގެ ކޮޅަށް ޖެހޭނެ އެއްވެސް ގައުމެއް ވެސް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ