ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ބުރާސްފަތި ދުވަހު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ގާނޫނު އަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި 297 ވަނަ މާއްދާގެ (ހ) އާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުންނެވެ. އަދި އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގާނޫނު އަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި 297 މާއްދާގެ (ހ) އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމާއި ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ ދެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމާއި އިގްރާރު ފޯމު ދޫކުރާނީ ކޮންމެ ދުވަހަކު ހެނދުނު 30: 8 އިން މެންދުރު ފަހު 30: 3 އަށް ރައީސް އޮފީހުންނެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެޗްއާރުސީއެމާއި ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިއިރު، އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް މެމްބަރުން އައްޔަންކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާ ހޯދައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދެ އެވެ.
އެޗްއާރުސީއެމާއި ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލި ނަމަވެސް އެ ކަމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ބައެއް ގާނޫނީ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެ ގޮތުން އެފަދަ ގާނޫނީ ބޭފުޅުން ވިދާޅުވަނީ ގާނޫނު އަސާސީގެ 291 ވަނަ މާއްދާގައި "މި ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާއިރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން މި ގާނޫނު އަސާސީއާ ތައާރަޒުނުވާ ގާނޫނުތަކަށް އަމަލު ކުރެވެމުންދާނެ" ކަމަށް ބަޔާންކޮށްފައި އޮތުމުން ގާނޫނީ މައްސަލަތަކެއް ނުކުންނަ ކަމަށެވެ. އަދި އެޗްއާރުސީއެމާއި ސީއެސްސީގެ މެމްބަރުން އައްޔަންކުރެވޭނީ ފަސް އަހަރަށް ކަމަށާއި އެ މެމްބަރުން ވަކިކުރެވޭނެ ގޮތް ވެސް ބަޔާންކޮށްފައިވާކަން ގާނޫނީ ފަރާތްތަކުން ފާހަގަކުރައްވަ އެވެ.
އެހެން ނަމަވެސް އެޗްއާރުސީއެމާއި ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމުގައި ގާނޫނު އަސާސީން ހަވާލާދީފައި ވަނީ 297 ވަނަ މާއްދާގެ (ހ) އާ އެވެ. އެ މާއްދާގައި ވަނީ "މި ބާބުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި މި ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނު އަސާސީގައިވާ ގޮތަށް މަގާމުތަކަށް މީހުން އިންތިހާބުކޮށް ނުވަތަ އައްޔަންކޮށް ނިންމައި، އަދި މި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި ނުވަތަ ގާއިމްކޮށް ނިންމަންވާނެ އެވެ،" މިހެންނެވެ.
ނަމަވެސް ރައީސް އޮފީހުގެ އެ ވިސްނުމާ ތަފާތު ހިޔާލުގެ ފަރާތްތަކުން ބުނަނީ ގާނޫނު އަސާސީގެ 297 ވަނަ ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި ނުވަތަ އައްޔަންކޮށް ނިންމަންވާނެ ކަމަށް ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގައި މި މުއައްސަސާތައް އައްޔަންކުރަންޖެހޭ ގޮތާއި މުއައްސަސާތަކުގެ ގާނޫނުތަކުގައި ބުނެފައިވާ ގޮތާ އެއްވެސް ތައާރަޒުވުމެއް ނެތްއިރު އެ މުއައްސަސާތަކުގެ މެމްބަރުން އަލުން އައްޔަންކުރަންޖެހޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ގާނޫނީ ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ