ސްޓެލްކޯ އިން މިހާރު ކަރަންޓް ޔުނިޓެއް ވިއްކަމުން ގެންދަނީ، 1.16ރ. ގެއްލުމާ އެކުގައި ކަމަށް، ސްޓެލްކޯގެ މިނިސްޓަ އޮފް ސްޓޭޓް، ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުއްޝަކޫރު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 2008 ވަނަ އަހަރަށް ދައުލަތުން ހުށަހަޅުއްވާފައިވާ ބަޖެޓާ މެދު ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހދ. މެންބަރު ކަމުގައި ވެސް ހުންނެވި ޝަކޫރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ސްޓެލްކޯ އިން ކަރަންޓްގެ ޚިދުމަތް ދެމުން އަންނަނީ ގެއްލުމުގައި ކަމަށެވެ.
"ދެ ހާސް ފަސް ވަނަ އަހަރު ޑީސަލްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، އަޅުގަނޑުމެން އޭރު ކަރަންޓް ޔުނިޓެއް ވިއްކީ 16 ލާރީގެ ގެއްލުމަކާ އެކުގައި. އަދި މިހާރު ޑީސަލްގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ސްޓެލްކޯ އިން ކަރަންޓް ޔުނިޓެއް ވިއްކަމުން މިގެންދަނީ 1.16 ރުފިޔާގެ ގެއްލުމެއްގައި."
ޝަކޫރު ވިދާޅުވި ގޮތުގައި، ޑީސަލްގެ އަގު ބޮޑުވުމާ ގުޅިގެން ކަރަންޓްގެ ޚިދުމަތަށް ކުރަންޖެހޭ ޚަރަދުތައް ފޫބެއްދުމުގެ ގޮތުން، ސަބްސިޑީ އިތުރުކޮށްދެއްވުމަށް އެކިފަހަރު އެދިފައިވާނެ އެވެ.
"ޑީސަލްގެ އަގު އެންމެ ލާރިއެއް ބޮޑުވިޔަސް އަޅުގަނޑުމެންނަށް އަހަރަކު، 000` 650 ރުފިޔާ ގެއްލުންވާނެ. ޑީސަލްގެ އަގު 50 ލާރި ބޮޑުވިޔަސް އަޅުގަނޑުމެންނަށް އަހަރަކު، 6.5 މިލިއަން ރުފިޔާ ގެއްލުންވާނެ. ޑީސަލްގެ އަގު އެއް ރުފިޔާ ބޮޑުވެއްޖިއްޔާ އަޅުގަނޑުމެންނަށް އަހަރަކު، 65 މިލިއަން ރުފިޔާ ގެއްލުންވާނެ. އެހެންވީމާ ކޮންމެ އަހަރަކު ވެސް ސަބްސިޑީގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ބޭނުންވާނެ."
ޝަކޫރު ވިދާޅުވި ގޮތުގައި ސްޓެލްކޯ އިން މިހާރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވަ އެވެ.
ސްޓެލްކޯގެ އެންމެ ބޮޑު ކަރަންޓު ވިއުގަ މާލޭގައި ގާއިމުކޮށްފައިވާ އިރު، މާލޭގައި އާންމު ގޭބިސީތަކަށް ކަރަންޓް ޔުނިޓެއް ވިއްކަނީ، 100 ޔުނިޓާ ހަމައަށް، ޔުނިޓެއް 1.60ރ. ގެ ރޭޓުންނެވެ. އަދި 100 ޔުނިޓުން 200 ޔުނިޓާ ދެމެދު، ޔުނިޓެއް 1.70ރ. ގެ ރޭޓުންނެވެ.
އާންމު ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކުގެ އަގު ހެޔޮ ކުރުމަށްޓަކައި، ސަބްސިޑީޒްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި 429 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ މައި ކުންފުނި ކަމަށްވާ ސްޓެލްކޯއިން އަގު ހެޔޮކޮށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 200 މިލިއަން ރުފިޔާގެ ސަބްސިޑީއެއް، އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވެ އެވެ.
ބަޖެޓް ޖަލްސާ: ސްޓެލްކޯ އިން މިހާރު ކަރަންޓް ޔުނިޓެއް ވިއްކަމުން ގެންދަނީ 1.16ރ.ގެ ގެއްލުމާ އެކު: ޝުކޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ