ކާނިވަލުގެ ސްޓޯލްތަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް އޭސީސީން އަންގައިފި

އަލިމަސް ކާނިވަލުގެ ސްޓޯލްތަކުން ނުލިބި ހުރި ފައިސާގެ މައްސަލަ އަވަހަށް ނިންމައި ފައިދާ ހުރި ގޮތުގައި އެ ސަރަހައްދު ބޭނުން ކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާލޭ މުނިސިޕަލްޓީ އަށް އަންގައިފި އެވެ.
އޭސީސީން ބުނީ އަލިމަސް ކާނިވާ އޮފީހުގެ ލިޔެ ކިޔުންތައް ބެލިއިރު ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަ ވެފައިވާތީ، އެ ސަރަހައްދުން ދޫކޮށްފައިވާ ސްޓޯލްތަކުންނާއި އެހެން ގޮތްގޮތުން އެތަނަށް ލިބެންވާ ފައިސާ ހޯދުމާއި ސްޓޯލްތައް ހުސް ކުރުމުގެ ކޯޓު އަމަރު ހޯދުމުގެ މައްސަލަ އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.
އޭސީސީން ބުނީ ކާނިވާ ސަރަހައްދު ތަންތަން ކުއްޔަށް ދީ، އެތަންތަން ބޭނުން ކުރަމުންދަނީ މަގުސަދާ އެއް ގޮތަށް ކަމަށް ނުވާތީ އެ ސަރަހައްދުން ދައުލަތަށް މިހާރަށް ވުރެ ބޮޑަށް ނަފާ ލިބޭ ގޮތަށް ކަނޑައަޅައި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދަން މުނިސިޕަލްޓީ އަށް މިހާރު އަންގާފައިވާ ކަމަށެވެ.
ކާނިވަލުން ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނުން ކުލި ނުދައްކާތީ މިހާރު ވެސް އެ މައްސަލަ ބަލަމުންދާ ކަމަށާއި ކާނިވަލުގެ 39 ނަމްބަރު ސްޓޯލްގެ ކުލި ދައްކަން ތަކުރާރުކޮށް އެންގުމުން ފައިސާ ދައްކާފައި ނުވާއިރު އެ ސްޓޯލުގެ މަތީބުރި ކުއްޔަށް ހިފާފައިވާ ފަރާތުން ވެސް ކުލި ނުދައްކާ ކަމަށެވެ. އަދި 53 ނަމްބަރު ސްޓޯލް ސަރުކާރާ ހަވާލު ކުރަން އަންގާފައިވާއިރު އެކަން ވެސް ކޮށްފައި ނުވާ ކަމަށާއި ކުލި ވެސް ނުދައްކާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އަދި ބުނީ ސިޔާސީ ޕާޓީއަކުން ކާނިވަލުގެ ސްޓޭޖް ފަސް ދުވަހަށް ހިފުމަށް ފަހު ވެސް ފައިސާ ނުދައްކާ އެބައޮތް ކަމަށާއި މީގެ އިތުރުން އޭސީސީން ބުނެފައި ވަނީ އަލިމަސް އުފާ އޮފީހުގެ ފައިސާގެ ރަސީދުތައް ބެލިއިރު އަމަލުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ