ރިޔާސީ އިންތިހާބު 2008: ވޯޓުލުމަށް ރަޖިސްޓްރީކުރި ގިނަ ބައެއްގެ ނަން ލިސްޓްގައި ނެތިގެން ޝަކުވާ ކުރަމުން އެބަދޭ

27: 12
މެލޭޝިއާ އިން ހުސައިން ފިޔާޒު މޫސާ
"މިތަނުން ގުޑާ ނުލާނަން. މިއީ އަހަރެމެންގެ މައްސަލައެއް ނޫން. ވޯޓު ލެވެންޖެހޭނެ، އެ ހައްގު މިފަހަރު ގެއްލުވައެއް ނުލެވޭނެ،" މެލޭޝިއާގައި ވޯޓު ފޮށި ބަހައްޓާފައިވާ އިމާރާތުގެ ފެންޑާގައި ހުރެގެން، އަރިން އަހްމަދު، ،19 ބުންޏެވެ.
ވޯޓުލުމަށް މެލޭޝިއާގައި ރަޖިސްޓްރީ ކުރުމަށްޓަކައި ނަން ފޮނުވި ގިނަ އަދަދެއްގެ ބައެއްގެ ނަން ވޯޓާސް ލިސްޓްގައި ނެތިގެން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނަށް އެ ޝަކުވާ ކުރަމުން އެބަދެ އެވެ.
އަރިން ބުނީ އޭނާ އާއި އޭނާގެ ތިން އެކުވެރިންގެ ނަންވެސް ވޯޓާސް ލިސްޓުގައި ނެތް ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ މައްސަލައެއް ނޫން. މިދިޔަ މަހުގެ 21 ވަނަ ދުވަހު އިލެކްޝަންގެ އީމެއިލް އެޑްރެސް އަށް ވޯޓު ރަޖިސްޓްރީކުރުމުގެ ފޯމާއި ޕާސްޕޯޓުގެ ކޮޕީ ފޮނުވިން. މިއޮތީ ކޮޕީ،" އެ އީމެއިލްގެ ޕްރިންޓް ދައްކާލަމުން އަރިން ބުންޏެވެ. "މިކޮޅުގައި އިއުލާންކުރި ފުރަތަމަ ލިސްޓުގައި ވެސް އަޅުގަނޑުމެންގެ ނަން ނެތިގެން ހައިކޮމިޝަނަށް ގުޅިން. ހައިކޮމިޝަނުން ބުނީ އެއީ އެތަނުގެ މައްސަލައެއް ނޫނޭ."
މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ވޯޓުލާން އައި މީހުންގެ ތެރެއިން 10 ވަރަކަށް މީހުންގެ ނަން ލިސްޓްގައި ނެތް ކަމަށާއި އެ މީހުން އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމަށްޓަކައި އެ ނަންތައް އިލެކްޝަންސް ކޮމިޝަން އަށް ފޮނުވާފައިވާ ކަމަށެވެ. ލިސްޓުގައި ނެތިގެން އަދި ޝަކުވާއެއް ނާން ކަމަށާއި ޝަކުވާ އަންނަމުން ދަނީ ވޯޓު ރަޖިސްޓްރީކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަން އަށް އީމެއިލް ފޮނުވި މީހުންގެ ނަން ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފައިނަލް ލިސްޓްކަމަށް ބަލާނީ އިލެކްޝަން އިން ފޮނުވާ ލިސްޓް. ލިސްޓްގައި ނަން ނެތިގެން ޝަކުވާތައް އެބަ އާދޭ. އަޅުގަނޑުމެން މިދަނީ ނަންތައް އިލެކްޝަން ކޮމިޝަނަށް )މާލެ އަށް( ފޮނުވަމުން. ވޯޓުލުމަށް ފުރުސަތު ދެވޭނީ އިލެކްޝަން ކޮމިޝަނުން އެ ނަންތައް ވެރިފައިކޮށް އެންގުމުން. ނަމަވެސް ނަންތައް ވެރިފައިފައިކޮށް ފޮނުވާއިރު ވޯޓު ކަރުދާސް ނެތިއްޔާ އެ މީހުންނަށް ވޯޓު ލެވޭކަށް ނޯންނާނެ،" ހައިކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ނަން ނެތް އެހެން ދިވެއްސެއްކަމުގައިވާ، ހައިޝަމް ޝަރީފް، ،18 ބުނީ ވޯޓުލުމަށް ރަޖިސްޓްރީކުރުމަށްޓަކައި ހަ މީހުންގެ މައުލޫމާތު އިލެކްޝަން އަށް ފޮނުވީ އެކުގައި ކަމަށާއި ނަމަވެސް ވޯޓު ލިސްޓްގައި ނެތީ އޭނާގެ ނަން އެކަނި ކަމަށެވެ.
"ނަން ނެތް ކަން އެނގުމުން، 24 ގަޑިއިރު އިލެކްޝަން އަށް ގުޅޭ ނަންބަރަށް ގުޅިން. ފޯނެއް ނުނަގައި. އީމެއިލް ވެސް ކުރިން. ޖަވާބެއް ވެސް ނުލިބޭ. ހެނދުނު 00: 9 އިން ފެށިގެން ވޯޓު ލެވޭތޯ މިތަނުގައި މި ހުންނަނީ،" ލިމްކޮކްވިންގ ޔުނިވާސިޓީގައި ކިޔަވަމުންދާ ހައިޝަމް ބުންޏެވެ.
މިހާރު މެލޭޝިއާގައި ހުރި، އާފަތިސް ނޫހުގެ ނޫސްވެރިޔާ، ޝާހިދު ބުނީ، ވޯޓުގެ ވަގުތީ ލިސްޓުގައި އޭނާގެ ނަން އޮތް ނަމަވެސް ފައިނަލް ލިސްޓްގައި އޭނާގެ ނަން ނެތް ކަމަށެވެ.
"ފައިނަލް ލިސްޓްގައި އަޅުގަނޑުގެ ނަން ނެތަސް ވޯޓު ލެވިއްޖެ،" ޝާހިދު ބުންޏެވެ.
މެލޭޝިއާގެ އިތުރުން، ސިންގަޕޫރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ބައެއް މީހުންގެ ނަން އެ ލިސްޓްގައި ނެތިގެން މީހުން ޝަކުވާ ކުރަމުން އެބަދެ އެވެ.
ސިންގަޕޫރުގައި ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ވަޑައިގެން ހުންނެވި އިލެކްޝަން ކޮމިޝަންގެ އިސް އޮފިޝަލް ވިދާޅުވީ، ވޯޓުގައި ނަން ނެތިގެން ދެ މީހަކު ޝަކުވާ ކޮށްފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަން އަށް ގުޅައިގެން އެކަން ހައްލުކުރެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މެލޭޝިއާގައި ވޯޓުލުމަށްޓަކައި 968 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ސިންގަޕޫރުގައި ވޯޓުލުމަށްޓަކައި 160 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ