ސީރިއާ އިން ރާއްޖެ ގެނައި އާއިލާ ދޫކޮށްލަން އުމަރު ގޮވާލައިފި

ސީރިއާ އިން ރާއްޖެ ގެނައި ދިވެހި އާއިލާ ދޫކޮށްލަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފި އެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ރާއްޖެ ގެނައި އެ އާއިލާ އިތުރު 8 މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ. އެ އާއިލާ ރާއްޖެ ގެނައި މިދިޔަ މަހުގެ 11 ގަ އެވެ. އޭގައި ތެރޭގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ.
އުމަރު ވިދާޅުވީ ތުއްތު ހަތަރު ކުދިންނާއި އެކުދިންގެ މައި މީހާ ކުށެއް ސާބިތު ނުކޮށް 8 މަހަށް ހައްޔަރު ކުރުމަކީ ބޮޑު ނާއިންސާފެއް ކަމަށެވެ. އަދި އެ ކުދިންގެ މަންމަ އަކީ ހަތިޔާރެއް އުފުލި މީހަކަށް ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"ހުޅަނގު ރުއްސުމަށް ކަންތައް ކުރީމަ އިންސާނީ ޙައްޤުތަކާ، ކުޑަކުދިންގެ ޙައްޤު ތަކެއް ނޯވޭ. ހަމަ މިހާރުން މިހާރަށް ދޫކޮށްލައްވާ" އުމަރު ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އަންހެންމީހާ ކުރިން އުޅެފައި ވަނީ ސީރިޔާގެ އިދްލިބްގަ އެވެ. އަދި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.
އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓްރީން ބުނީ އެ އާއިލާ ބަންދުގައި ބައިތިއްބަން ކުރިން ކަނޑައެޅި އިއްޔެއަށް ހަމަވާތީ އެކަމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހިންމަފުށީގައި ރީއިންޓެގްރޭޝަން ސެންޓަރުގައި އިތުރު އަށް މަހަށް ބައިތިއްބައިގެން ފަރުވާގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ