މަކަރާއި ހީލަތުން ފައިސާ ހޯދާ އަލްހާންވަނީ އެ ފައިސާ ލޯންޑަރކޮށްފައި

އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި
ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަލްހާން އިސްވެ ހުންނަވާ ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސްވަނީ އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ނަގާފައެވެ. މިކަން މާލީ އިދާރާތަކުގެ ސަމާލުކަމަށް އައުމުން އެ އިދާރާތަކުން ވަނީ މިފަދަ ފަންޑުތަކީ ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަށް ނުވާތީ އެ ފަންޑަށް ފައިސާ ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް އަލްހާނާ އޭނާގެ ޓީމުން ދިޔައީ މާލީ އިދާރާތަކަށް ގޮންޖަހާ އެ ފަންޑު ނުހުއްޓުވޭނެކަމަށް ބުނަމުންނެވެ. އަދި އިންވެސްޓްކުރި މީހުންނަށް ފައިސާ ދޭނެކަމަށް ބުނަމުންދިޔައެވެ.
ފައިސާ ނުދެވި ލަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓްކުރި ފައިސާގެ 25 ޕަސެންޓް އިތުރަށް ދޭނެކަމަށްވެސް އަލްހާންގެ ޓީމުން މީގެ ކުރިން ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ލިބިފައެއް ނުވެއެވެ. އިންވެސްޓަރުން އެމީހުންގެ ފައިސާ އަނބުރާ ދިނުމަށް އެދުމުންވެސް ފައިސާ ނުދީ އަލްހާނާ އޭނާގެ ޓީމުން ދަނީ ތަކުރާރުކޮށް ތަފާތު އެކި ބަހަނާތައް ދައްކަމުންނެވެ. އެކަމާއި ދެކޮޅަށް ވާހަކަދައްކާ މީހުން ކިންގްސް އިންވެސްޓަރުންގެ ނަމުގައި އުފައްދާފައިވާ ގްރޫޕުން ދަނީ ބްލޮކް ކުރަމުންނެވެ. އަދި ފޭސް 2 ގެ ނަމުގައި އަލުން ޕެކޭޖްތަކެއް އިއުލާންކޮށް މީހުން އަތުން ދެވަނަ ފަހަރަށް ފައިސާ ނެގުމުގެ މަސައްކަތްވެސް އަލްހާނާއި އޭނާގެ ޓީމުން ވަނީ ކޮށްފައެވެ.
މި މައްސަލަ ފެންމަތިވި ހިސާބުންވެސް ފުލުހުންވަނީ ތަހުޤީގުތައް ފަށާފައެވެ. އަދި މައްސަލައާއި ގުޅިގެން ހިންގާ ތަހުޤީގަށް މާދަމާރޭ 20:00 ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އަލްހާނަށް ފުލުހުންވަނީ ޗިޓް ފޮނުވާފައެވެ.
ފުލުހުންގެ ޗިޓްގައިވާ ގޮތުން އަލްހާންގެ މައްޗަށް ތުހުމަތުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން އާއްމުންނަށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ޤަވައިދާ އުސޫލްތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެ ފައިސާ ލޯންޑަރ ކޮށްފައިވާކަމަށެވެ.
ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ މި ފަދަ ފަންޑުތަކަށް އިންވެސްޓްކޮށް ފައިސާ ނުލިބި ތިބި މީހުން އެކަން އެ އިދާރާއަށް އަންގާދިނުމަށް އެދިފައެވެ. އިންވެސްޓްކުރި މީހުން އެމީހުންނަށް ލިބުނު ގެއްލުންތައް އަންގާ މިކަމުގައި ޖިނާއީ ތަހުޤީގެއް ހިންގަން ފެށުމުންވެސް މި ކަމަކީ މަދަނީ މައްސަލައެއްކަމަށް ބުނެ އެކަމަށްވެސް އަލްހާން ވަނީ ފާޑު ކިޔުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ