ގާޒީ ހައްޔަރުކުރަން އަމުރުކުރީ ނަޝީދު އޮޕަރޭޝަން ހިންގީ އިބްރާހިމް ދީދީ – ތޮލްހަތު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގީ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އިބްރާހިމް ދީދީ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.
ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާ އަށް އޭނާ މިރޭ ވަނީ އިންކާރު ކުރައްވާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ތޮލްހަތުގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި އޮޕަރޭޝަން ރާވައު ހިންގީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނަޝީދު ކަމަށެވެ.
ސިފައިންގެ ބެލުމުގެ ދަށުގައި ގިރިފުށީގައި އަބްދުﷲ ގާޒީ ބެހެއްޓިކަމަށް އިއުތިރާފުވި ނަމަވެސް ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަންށާއި އަދި ހައްޔަރުކޮށްގެން ގެންގުޅުނު އޮޕަރޭޝަންގެ އެއްވެސް ކަމެއްގައި އެއްވެސް އަމުރެއް އޭނާ ކޮށްފައި ނުވާ ކަމަށް ތޮލްހަތުގެ ވަކީލް ވިދާޅުވި އެވެ.
ތޮލްހަތު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ މައްސަލަ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. ދިފާއީ ހެކި ހުށަހަޅަން ތޮލްހަތަށް ފުރުސަތު ދެއްވުމަށް އޭނާގެ ވަކީލް ވިދާޅުވީ ނަޝީދުގެ އޯޑިއޯ ރެކޯޑިންތަކެއް ހޯދަން ސިފައިންނާއި ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށާއި އެ ތަކެތި ލިބުމުން ލިޔުމުން އެ ތަކެތި ހުށަހަޅަން ފުރުސަތު ދިނުމަށެވެ. ކޯޓުން ވަނީ ތޮލްހަތަށް އެފުރުސަތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ