ވެރިކަން ބަދަލުވި ދުވަހަކީ ރާއްޖެއަށް ފަހުރުވެރި ދުވަހެއް - އުމަރު

ކުރީގެ ރައީސް އަދި މިހާރުގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަކީ ދިވެހިރާއްޖެއަށް ފަހުރުވެރި ދުވަހެއް ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ ތިން އަހަރުވުމާއި ގުޅިގެން ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 7 ފެބްރުއަރީ 2012 އަކީ ދިވެހިރާއްޖެއަށާއި އިސްލާމްދީނަށާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ފަހުރުވެރި ދުވަހެއް ކަމަށެވެ.
އަދި ހުދުމުހުތާރު ވެރިކަމަކާއި ދެކޮޅަށް ނިކުތް ހުރިހާ ފަރާތްތަކަށް އުމަރު ނަސީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރިއަށް ދިޔަ މުޒާހަރާތަކުގައި އެންމެ އިސް ދައުރެއް އަދާކުރި އެއްބޭފުޅާއެވެ. އެގޮތުން އެދުވަސްކޮޅު ކުރެވިގެންދިޔަ މަޝްހޫރު މުޒާހަރާތަކުގެ ކުރީ ސަފުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ބައެއް ފަހަރު އުމަރު ނަސީރު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދަން ޖެހުނެވެ.
ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވަތުން ކަަމަށް އެމްޑީޕީން ބުނި ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށްފަހު އެކުލަވާލި ކޯނީގެ ރިޕޯޓުގައި ވަނީ އެއީ ބަޣާވަތެއް ނޫން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެދުވަހު ގާނޫނާއި ހިލާފު އެތައް ކަންތައްތަކެއް ހިނގައިގެން ގޮސްފައިވާތީ އެކަން ކަން ބެލުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ