ލިޔުނީ: މަރިޔަމް ވަޙީދާ އާއި އަޙްމަދު ޖައިޝަން
(ނ.ކެނދިކުޅުދޫ) ނ.އަތޮޅުގެ ކެނދިކުޅުދޫއަކީ ބޮޑު ރަށަކަށްވި ނަމަވެސް އެ ރަށަކީ އާސާރީ ތަންތަނުގެގޮތުން މުއްސަނދި ރަށެއް ނޫނެވެ. އެހެންނަމަވެސް އެރަށުގައިވެސް ތާރީހީ ލޭންޑްމާރކް އެއް އެބަހުއްޓެވެ. އެއީ އެތައް އަހަރުތަކެއް ވަންދެއް އެރަށުގައި ހުރި މިސްކިތެކެވެ.
އުމުރުގެ އަސަރާއި ރަނގަޅަށް ބެލެހެއްޓުމުން އެކަހެރިވެފައިވާ އެ މިސްކިތް މިހާރު ވަނީ ހިރަފުހުގެ ޒައްރާތަކާއެކުވެގެން ނެތިގެންދާން ތައްޔާރުވެފައެވެ. މިސްކިތުގެ ގިނަ ހަނދާންތައްވެސް ވަނީ މާޒީގެ ޞަފްހާތަކާއެއްވަމުން ގޮސްފައިވެއެވެ.
ނަމަވެސް އެ ހަނދާންތަކުގެ ޞަފްހާތަކަށް ގެއްލިގެން ގޮސްފައި ނުވާ އެއް ފަރާތަކީ ހުސްނުހީނާގޭ އަބްދުﷲ އާދަމް އެވެ. މިސްކިތުގެ ތާރީހާއި އަބްދުﷲ އާދަމްގެ ހަޔާތް ވަނީ ނުމޮހެވޭ ފަދަ ރޯނަކުން ވެށި އެއްވެފައެވެ.
"އަޅުގަނޑު ބޮޑުވީ އިރުވެސް އެމިސްކިތް ހުރި. ބައްޕައާއެކު ކުޑައިރުވެސް ނަމާދަށް އެ މިސްކިތައް ގޮސް އުޅެން. އެއިރުން ފެށިގެންވެސް އެ މިސްކިތް ހުންނަ ހަންދާންވޭ،" މާޒީގެ ބާބުތަކުން ޞަފްހާއެއް ވަގުތަށް ހިއްސާކުރަމުން އަބްދުﷲ ބުންޏެވެ.
އަބްދުﷲ ބުނިގޮތުގައި އޭނާގެ ބައްޕަ އާދަމް ގާސިމް އަށް މުދިމް ކަމުގެ ފަތްކޮޅު އެރުވިއެވެ. ނަމަވެސް އިބްރާހިމް ނާސިރު ދައުރުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގެ ނަތީޖާއިން ރަށުގައި އެއިރު ތިބި ވެރިން ބަދަލު ކޮއްލުމަށް ފާސްވެގެން ދިޔައެވެ. އެކަމުގެ ސަބަބުން އަބްދުﷲގެ ބައްޕަގެ އަތުން މުދިމްކަން ގެއްލުނު ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު މިސްކިތް ބަލަހައްޓަމުން ގެންދިޔައީ އެކި ފަހަރު އެކި ފަރާތްތަކުން ކަމަށް އޭނާ ބުނެފައިވެއެވެ.
"އެއައްފަހު އައީ އަޙްމަދު ސާތިރު ކިޔާ މީހެއް އައީ ވެރިއަކަށް. އޭނާ އައިސް ތިން ރޭ ތިން ދުވާ ވަންދެން ރަށު މީހުން އެއްކޮއްގެން ބެލި މިސްކިތް ބަލަހައްޓާނެ މީހެއްވޭތޯ. އެކަމަކު ނުވި. އެހެން ކަމުން އަނެއްކާވެސް ރަށުގެ އެމިސްކިތުގެ މުދިމްކަން ކުރަން ގެންދިޔައީ އަޅުގަނޑުގެ ބައްޕަ"
ރަށުގެ ކަންތައް ބެލެހެއްޓުމަށް ބައްޕަ ހަމަޖެއްސިއިރު ރަށުގެ ކަންތައްތަކުގެ ތެރެއިން މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް އެންމެ ފަހުން އަބްދުﷲ އާ ހަވާލުކުރެވުނު ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަށް އޭރު އެތަނުން މިސްކިތް ބެލެހެއްޓުމަށް އުޖޫރައެއްގެ ގޮތުގައި ލިބުނީ މަހަކު 20 ރުފިޔާ،" އޭނާ ބުންޏެވެ.
މިސްކިތައް އެކި ކަހަލަ ހިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭރު މިސްކިތުގައި ހުރި ކަށިކެޔޮ ހޮޅު ތަނބުތައް ހުއި ބުއިމުގެ ސަބަބުން ހަލާކުވުމާ ގުޅިގެން އެ ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ މިސްކިތަކަށް ހާއްސަ ނަމެއް ދީފައި ހުންނަ ހަނދާނެއް ނުވޭ. އާންމުކޮށް ކިޔާ އުޅެނީ ކެނދިކުޅު މިސްކިތް،" މިސްކިތުގެ ތާރީހުގެ ތެރެއަށް ފީނާލަމުން އަބްދުﷲ ބުންޏެވެ.
މިސްކިތް ބޭނުންކުރުން ހުއްޓަލީ ކިހިނެއް ވެގެންތޯ ވަގުތުން އެހުމުން އަބްދުﷲ ބުނީ އެއީ އޭރު އެރަށުގެ ކުޑަކަތީބު ބޭނުވިގޮތް ކަމަށެވެ.
"ކޮންމެ މީހެއް ވެސް ޖެހޭ ކަމެއް ކޮއްލަން. އެއީ ނުބައި ކަމެއް ވިޔަސް" އަބްދުﷲ ބުންޏެވެ.
ކުޑަކަތީބު އެމިސްކިތް އުވާލަން ބޭނުން ވެގެން އުވާލީ ކަމަށް އަބްދުﷲ ބުންޏެވެ.
"ރަނގަޅަށް ކަންތައް ކުރި މީހާއަށް ކަންތައް ކުރެވިފައިވާނީ ރަނގަޅަށް. ނުބައިކޮށް ކަންތައް ކުރި މީހާއަށް ކަންތައް ކުރެވިފައިވާނީ ނުބައިކޮށް" އަބްދުﷲ ބުންޏެވެ.
ކެނދިކުޅުދޫ އާސާރީ މިސްކިތުގެ ތާރީހާ ނުމޮހެވޭ ގޮށަކުން ބަނދެވިފައިވާ އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ