އެމްއެންޑީއެފް ގެ ފަޔަރ ޕްރިވެންޝަން އިވްނިންގ އޮންނާނީ މާދަމާ ހަވީރު

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން އަލިފާނުގެ ހާދިސާތަކަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ފަޔަރ ޕްރިވެންޝަން އިވްނިންގ 2016 މާދަމާ ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މި ފަޔަރ ޕްރިވެންޝަން އިވްނިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ރަސްފަންނު ސަރަޙައްދުގައި 16:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ރަސްފަންނު ސަރަޙައްދުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތަކުން 16:00 ގައެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ކުރެވިފައިވާ ސްޓޯލްތަކާއި އަދި ބޮޑެތި މީހުންނަށް ޚާއްޞަ ކުރެވިފައިވާ ސްޓޯލްތައް ހިމެނޭކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފްގެ މި ފަޔަރ ޕްރޮވެންޝަން އިވްނިންގގައި ކައްކާ ގޭހަށް ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާބެހޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ރޭގަނޑުގެ ދަންފަޅީގައި މުނިފޫހިފިލުވުމުގެ ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ހަަމަޖެހިފައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި މާދަމާ ބޭއްވޭ މި ހަރަކާތުގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)، ގޭޖް ޕްރައިވެޓް ލިމިޓެޑް، ސްޓެލްކޯ، ގްލޯބަލް ފަޔަރ ސާރވިސަސް ޕްރައިވެޓް، މޯލްޑިވް ގޭސް، ވިލާ ގޭސް، ސީގިއަރ، އެންޓީފަޔަރ ޕްރައިވެޓް ލިމިޓެޑް އަދި އެމްއެންޑީއެފް މެޑިކަލް ސާރވިސް އިން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ