އައްޑޫ ސިޓީގެ ދެ އިންޖީނަކަށް މައްސަލަ ދިމާވެ، ކަރަންޓް ކެނޑެން ފަށައިފި

އައްޑޫ ސިޓީ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ދެ އިންޖީނަކަށް މައްސަލަ ދިމާވެ، ހިތަދު އާއި މަރަދޫ އަދި މަރަދޫ ފޭދޫން ކަރަންޓް ކެނޑެމުންދާތާ ތިން ދުވަސްވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔުޓިލިޓީސް ކުންފުނިން އައްޑޫ ސިޓީ އަށް ކަރަންޓް ދޫކުރަމުންދާ ބައެއް އިންޖީނުތަކަށް މައްސަލަތައް ދިމާވެ އައްޑޫ ސިޓީގެ ފޭދޫ ފިޔަވައި ގިނަ ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ އިންޖީނުތައް ހަލާކުވެ މައްސަލަތައް ދިމާވުމަކީ މީގެ ކުރިން ވާކަމެއް ނޫން ކަމަށާއި ނަމަވެސް ވޭތުވި އަހަރު އިންޖީނުތަކަށް ބޭނުންވާ ސްޕެއާޕާޓަސްތައް ނުލިބި ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވަމުން އައިސްފައިވާ ކަމަށެވެ. އަދި އިންޖީނުތައް ރަނގަޅަށް ބަލަހައްޓައި ހިދުމަތްތައް ދިނުމުގައި އެންމެ ބޮޑު ދައްޗަކަށް ވެފައި އޮންނަނީ ޔުޓިލިޓީސް ކުންފުނީގެ ފަރާތުން އެ ސިޓީގައި ތިއްބަވާ މީހުނަށް ވެސް ފުރިހަމަ ބާރުތައް ކުންފުނިން ދީފައި ނެތުން ކަމަށެވެ.
"ވޭތުވި ތިން އަހަރު އެފަދަ މައްސަލަތައް ދިމާވެ ކަރަންޓް މި ގޮތަށް ކެނޑަމަކުން ނުދޭ. އެހެން ނަމަވެސް އޭގެ ފަހުން 2012 ވަނަ އަހަރު އިންޖީނުތައް ހަލާކުވެ އެއާ އަޅާނުލެވި އެއަށް މައްސަލަތައް ދިމާވުމުން ކަރަންޓް ކެނޑެން ދިމާވަނީ. އެއަށް ބޭނުންވާ ސްޕެއާޕާޓްސް ކުރިން ގެނެވިފައި ނުހުންނަނީ،" ސޯދިގް ވިދާޅުވި އެވެ.
އައްޑޫ ސިޓީން ކަރަންޓް ކެނޑެމުންދިއުމުގެ ސަބުން އެ ސިޓީގެ ރައްޔިތުނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަން ވެސް ސޯބެ ފާހަގަ ކުރެއްވި އެވެ.
"ކެއްކުމާއި ފެންވެރުމާއި އަދި އެހެން ގިނަ ކަންތައް ކުރެވެން މި އޮންނަނީ ކަރަންޓް [ބޭނުންކޮށްގެން]."
ޔުޓިލިޓީސް ކުންފުނީގެ ފަރާތުން އައްޑޫ ސިޓީގެ އިންޖީނުގެއާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު މިއަދު ވިދާޅުވީ އެ ސިޓީން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވީ އެއް އިންޖީނު ހަލާކުވެ އެ އިންޖީނު ނުހެދި ހުއްޓައި އިތުރު އިންޖީނެއް ހަލާކުވުން ކަމަށެވެ. ނަމަވެސް އެއް އިންޖީނަށްބޭނުންވާ ސާމާނު މިހާރު ލިބި އެ އިންޖީނުން ކަރަންޓް ދޫކުރުމަށް ތައްޔާރު ވެފައިވާ ކަމަށާއި ނަމަވެސް މުޅިން ކަރަންޓްގެ މައްސަލަ ހައްލު ނުވި ނަމަވެސް ބޮޑު ބައެއް ރަނގަޅުވާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ