އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމު ކުރި މައްސަލައިގައި ގާސިމް އަބްދުލްކަރީމް އަށް މަހަށް ޖަލަށް ލުމަށް، މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރި އިރު ވެސް އެ މުއްދަތު ހަމަވެފައިވާތީ އޭނާ މިއަދު މިނިވަން ކޮށް ދޫކޮށްލައިފި އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރި ގާސިމް އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ވެސް އޭނާ ބަންދުކޮށްފައި ހުންނަތާ އަށް މަހާއި 12 ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ގާސިމް ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ފަހުން ޖޫން މަހުން ފެށިގެން ހުރީ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ. އަދި އަންގާރަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން އިއްޔެ އޭނާ ކަރެކްޝަަނަލް ސާވިސްގެ ބެލުމުގެ ދަށުން މާލޭ ޖަލަށް ބަދަލު ކުރި އެވެ. އޭނާ މިނިވަންކޮށް ދޫކޮށްލީ މިއަދު އެވެ.
ކުރިން ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ގާސިމްގެ މައްޗަށް އެ ހުކުމް އައީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ދައުރު ކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓް އާންމު ކުރުމުންނެވެ.
އެ މައްސަލާގައި ގާސިމަށް އުފުލި ދެ ދައުވާ ސާބިތުވެ، ޖުމްލަ އަށް މަހާއި 12 ދުވަހަށް ޖަލަށްލާން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އޭނާ ބަންދުގައި ހުންނަތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ގާސިމް ދޫކޮށްލީ ބަންދުގައި ހުންނަ މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރަންޖެހޭތީ އެ މުއްދަތު އުނި ކުރުމުން އޭނާ އިތުރަށް ޖަލުގައި ހުންނަންޖެހޭ މުއްދަތެއް ނެތުމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ގާސިމް ހައްޔަރުކޮށް، ހަތަރު މަހެއްހާ ދުވަސް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހުން ފެށިގެން ހުކުމް ކުރުމާ ހަމައަށް އޭނާ ހުރީ ގޭ ބަންދުގަ އެވެ.
ގާސިމަށް އެ ހުކުމް އައިއިރު ބޮޑު ޚިޔާނާތެއްގެ މައުލޫމާތު އާންމު ކުރުމުގައި އޭނާ އަމަލުކުރި ގޮތުން ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ. އެ އެވޯޑް ލިބޭނެ ފަރާތެއް އަންނަ މަހު އިއުލާން ކުރާނެ އެވެ.
ހުކުމަށް ވުރެ ދިގު މުއްދަތެއްގައި ބަންދުގައި ހުރުމުން ގާސިމް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ