ގާސިމް އަވަހާރަކޮށްލަފާނެ ކަމަށް އޭނާ ތުހުމަތުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަވަހާރަކޮށްލަން ބަޔަކު އުޅޭކަންދޭހަވާ ގޮތަށް ގާސިމް މިރޭ ވާހަކަދައްކަވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މިރޭ ތާޖުއްދީން ސްކޫލުގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އޭނާ ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަކި ކުރުމަށްފަހު އެފަދަ ގޮތަކަށް ކަންތައް ހިނގާފާނެ ކަން ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެންބަރުކަމުން އޭނާ ވަކި ކުރަން އަންނަ ހަފްތާގެ އަންގާރަ ދުވަހު ނަގަން އުޅޭ ވޯޓާއި ގުޅޭގޮތުން ވާހަދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގައި އެމަގާމުގައި ހުންނެވި އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އެ މަގާމުން ވަކިކުރެއްވުމަށްފަހު އޭގެ ދުވަސް ކޮޅެއް ފަހުން އެމަނިކުފާނު ޝަހީދުކޮށްލެވި ކަމަށެވެ.
ގާސިމް ވިދާޅުވީ އެއީ ބަޔަކު މަކަރު ވެރި ރޭވުމަކުން ނެގި ވޯޓެއް ކަމަށާއި އެކަމަކު މިފަހަރު ވޯޓު ނަގަނީ އެމަނިކުފާނު އަވަހަރާކޮށްލަންށޭ ސީދާ ނުދައްނަވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ބައިވެރި މި ޖަލްސާގައި ގާސިމް އިބްރާޙިމް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ.
އެގޮތުން ގާސިމް ވިދާޅުވީ ބަނދަރުމަތީ ގިނަ އަދަދަކަށް ވައްކަންކުރާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެފަދަ ވައްކަންތައް ކުރާ މީހުން 24 ގަޑިއިރު ތެރޭގައި ހައްޔަރުކުރެވޭ ފަދަ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި މި ޖަލްސާގައި 800 އާއި ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވި އެވެ. މި ޖަލްސާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު މާލެ ކައިރި ރަށް ރަށުން އައިސްފައިވެ އެވެ. އަދި ޕީޕީއެމް ޕްރައިމަރީގައި އުމަރު ނަސީރަށް ތާއީދުކުރި ޕީޕީއެމް ބައެއް މެންބަރުން ވެސް ކޮންމެވެސް ވަރަކަށް ޖަލްސާގައި ބައިވެރިވި މަންޒަރު ފެނުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ