އުމަރު ނަސީރު މިރޭ ރާއްޖެ ވަޑައިގަންނަވަނީ

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީޕީއެމްގެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް އުމަރު ޓީމުން ބުނެފި އެވެ.
އުމަރު ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ޕީޕީއެމްގެ ޕްރައިމަރީ އާއި ގުޅޭގޮތުން ތަފާތު ތުހުމަތުތަކެއް ކުރައްވާ ވާހަކަފުޅުދެއްކެވުމުން އާންމުކޮށް މައާފަށް އެދުމަށް ޕީޕީއެމް ކައުންސިލުން ނިންމި ދުވަހު އެވެ. އަދި އުމަރާއި ސިޓީ ހަވާލު ނުކުރެވުމުން މައާފަށް އެދުމުގެ ވަގުތު ކައުންސިލުން އިތުރުކޮށްދީފައިވެ އެވެ.
ނަމަވެސް މުހުލަތު ހަމަވިއިރު ވެސް އުމަރު މައާފަށް އެދިވަޑައިގެންފައިނުވާތީ އެމައްސަލަ ސުލޫކީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ސުލޫކީ ކޮމިޓީން ބުނީ އެމައްސަލަ ނިންމަން އަދި ދެ ހަފްތާއެއްހާ ދުވަސް ނަގާފާނެ ކަމަށެވެ.
މީގެކުރިން އުމަރު ޓީމުން ބުނީ އުމަރު މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާ ކަމަށާއި އުމަރު މާލެ ވަޑައިގަތުމަށްފަހު އެކަމާއި ގޮތެއް ނިންމަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ