ނިމިގެންދިޔަ ކުއާޓަރުގައި އުރީދޫއަށް 180 މިލިއަން ރުފިޔާގެ ސާފްފައިދާއެއް

އުރީދޫ މޯލްޑިވްސްއަށް ނިމިގެންދިޔަ ތިންވަނަ ކުއާޓަރުގައި ސާފްފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އުރީދޫއިން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 549.1 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އެކެއް އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 539.4 މިލިއަން ރުފިޔާއެވެ.
ނިމިގެންދިޔަ ކުއާޓަރުގައި މޯބައިލް ހިދުމަތްތަކުން 404 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ފިކްސްޑް ބްރޯޑްބޭންޑާއި އެނޫން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 143 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނެވެ. 
ތިންވަނަ ކުއާޓަރުގައި ވިޔަފާރި ހިންގުމުގެ ހަރަދުގެ ގޮތުގައި 260.4 މިލިއަން ރުފިޔާއަށް އަރާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 212.2 މިލިއަން ރުފިޔާއެވެ. އުރީދޫއަށް ސާފްފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރުގެ ނިޔަލަށް 515.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ އާމްދަނީ އުޅެނީ 1.2 ބިލިއަން ރުފިޔާގައެވެ.
އުރީދޫއިން ވަނީ ނިމިގެންދިޔަ ކުއާޓަރުގައި ވިޔަފާރީގެ ހަރަކާތްތަކުގެ އިތުރުން އެކުންފުނީގެ އިޖުތިމާއީ ޒިއްމާގެ ތެރެއިން މުޖުތަމައުގެ ލާބައަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ