ޑިއުޓީ އާމްދަނީއަށް ބޮޑު ވެއްޓުމެއް، އަންދާޒާތަކަށް ވުރެ 1.6 ބިލިއަން ރުފިޔާ މަދު ވާނެ ޑިއުޓީ އާމްދަނީއަށް ބޮޑު ވެއްޓުމެއް، އަންދާޒާތަކަށް ވުރެ 1.6 ބިލިއަން ރުފިޔާ މަދު ވާނެ

އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރާ ގާތްކުރާ އަދަދަކަށް ވެސް އާމްދަނީ ނުލިބޭނެ ކަމަށް ނިންމައި، އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދު 2.9 ބިލިއަން ރުފިޔާއަށް ދަށްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްދިން ބަޖެޓުގައި، ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކުގެ މައްޗަށް ބިނާކޮށް ޖަހާފައި އޮތީ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ މިދިޔަ އަހަރު ލިބުނު 3.4 ބިލިއަން ރުފިޔާއަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ނިމުނު ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ މި އަދަދު މުރާޖައާކޮށްފަ އެވެ. އިމްޕޯޓު ޑިއުޓީ އާމްދަނީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރާ އަދަދަކީ ކުރިން ލިބޭނެ ކަމަށް ބުނި ވަރަށް ވުރެ 1.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
މަތީގައި މި އަހަރަށް ފާސްކުރި ބަޖެޓު، ތިރީގައި އަންނަ އަހަރަށް ހުށަހެޅި ބަޖެޓު: ޑިއުޓީ އާމްދަނީއަށް މި ވަރުގެ ބޮޑު ވެއްޓުމެއް އައި ސަބަބެއް ސަރުކާރުން އަދި ނުބުނޭ --- މައުލޫމާތު: ފިނޭންސް މިނިސްޓްރީ
އިމްޕޯޓު ޑިއުޓީ އާމްދަނީ މި ވަރަށް ވެއްޓިގެން ދިޔަ އިރު، އަހަރުގެ ކުރީކޮޅުން ފެށިގެން، ކުރީ އަހަރަށް ވުރެ އިމްޕޯޓު ޑިއުޓީ އާމްދަނީ ދަށްކަން ފާހަގަކުރެވެން ފެށި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ސަރުކާރުން ވަނީ މި ވަރުގެ ބޮޑު ތަފާތެއް އައި ސަބަބު ބުނަން ދެކޮޅު ހަދާފަ އެވެ.
މި މައްސަލައިގައި މިހާތަނަށް ސަރުކާރުގެ ބަހަކަށް އޮތީ، އަހަރުގެ ކުރީކޮޅު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކެވެ. އެ ދުވަހު ވެސް މިހެން ދިމާވާ ސަބަބެއް ސާފުކޮށްދިނުމުގެ ބަދަލުގައި ސައީދު ވަނީ ޖަވާބެއް ދިނުމުގެ ބަދަލުގައި ކަސްޓަމްސް އާއި މީރާގެ ހިސާބުތައް ބަލައިގެން ނޫސްވެރިން އެ ސަބަބު ދެނެގަންނަނަށް އިރުޝާދުދެއްވާފަ އެވެ.
ސަރުކާރުން އެއްޗެއް ނުބުނި ނަމަވެސް އިމްޕޯޓު ޑިއުޓީ ދަށްވީ ސަބަބުތަކަކީ ދުންފަތާއި ދުންފަތުގެ އުފެއްދުތަކުން ޓެކްސް ބޮޑުކުރުމުގެ ސަބަބުންނާއި މި އަހަރުގެ ޖެނުއަރީން ފެށިގެން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓުގެ ސަބަބުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޑިއުޓީ އާމްދަނީ ދަށްވީ އަނެއް ސަބަބެއް ކަމަށް ބެލެވެނީ އިމްޕޯޓު ދަށްވުމެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އިމްޕޯޓު ކުރި މުދަލާއި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ކިޔާއިރު 1.8 ޕަސެންޓު ދަށެވެ.
އަހަރުން އަހަރަށް އިމްޕޯޓު ދަށްވީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި މެޝީނަރީ އާއި އިލެކްޓްރިކަލް އިކުއިޕްމަންޓު ހިމެނެ އެވެ. މިއީ ނިސްބަތުން ޑިއުޓީ ރޭޓު އެންމެ މަތި ބާވަތްތަކުގެ ތެރޭގައި ހިމެނޭ މުދަލުގެ ބާވަވްތަކެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 23، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.5 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން މިހާރުގެ ލަފާކުރުންތަކާ އެއް ހަމަ ކުރަން ބޭނުންވަނީި އިތުރު 400 މިލިއަން ރުފިޔާ އެވެ.
މި އަހަރަށް އަންދާޒާ ކުރި އަދަދު މުރާޖާ ކުރުމުގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ ކުރިއަށް އޮތް އަހަރުތަކަށް އަންދާޒާ ކުރާ ޑިއުޓީ އާމްދަނީ ވެސް މިދިޔަ އަހަރު އަންދާޒާ ކުރި ވަރަށް ވުރެ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.
އެ ގޮތުން މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި، އިމްޕޯޓު ޑިއުޓީގެ އާމްދަނީގެ ގޮތުގައި އަންނަ އަހަރު 3.1 ބިލިއަން ރުފިޔާ އާއި 2027 ގައި 3.3 ބިލިއަން ރުފިޔާ އަންދާޒާކޮށްފައިވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންޒާދާ ކުރީ އަންނަ އަހަރު 4.7 އަދި 2027 ގައި 4.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ