ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބުނި 120 މިލިއަން ޑޮލަރުން ލިބެނީ 2 މިލިއަން ޑޮލަރު ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބުނި 120 މިލިއަން ޑޮލަރުން ލިބެނީ 2 މިލިއަން ޑޮލަރު

ފައިސާގެ ހިލޭ އެހީގެ ގޮތުގައި ރެކޯޑު އަދަދެއް ލިބޭނެ ކަމަށް އަންދާޒާ ކުރުމަށް ފަހު، މި އަހަރުގެ ތެރޭގައި ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 2 މިލިއަން ޑޮލަރު ވަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ފައިސާގެ ހިިލޭ އެހީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ ރަސްމީ ރޭޓުގައި ޑޮލަރުން ހިސާބުކުރާއިރު 120 މިލިއަން ޑޮލަރެވެ.
ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސުން އަންދާޒާކުރަނީ މި އަހަރުގެ ތެރޭގައި ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 34.4 މިލިއަން ރުފިޔާ ކަމަށެވެ. މިއީ އެންމެ 2.2 މިލިއަން އެމެރިކާ ޑޮލަރެވެ. ފިނޭންސުން މިހާރު ބުނަނީ ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދުގެ ދެ ޕަސެންޓު ވެސް ނުލިބޭނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓު ފޮތަށް ބެލުމުން އެނގޭ ގޮތުގައި ސަރުކާރުން އުއްމީދުކޮށްގެން ތިބީ އެކުވެރި ގައުމުތަކުން ފައިސާގެ ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ. އެ ގޮތުން ފައިސާގެ އެހީގެ ގޮތުގައި ޖެހި އަދަދު 99 ޕަސެންޓަކީ ބައިލެޓެރަލް ކޮށް، އެކި ގައުމުތަކުން ލިބޭނެ ކަމަށް އުއްމީދު ކުރި ފައިސާ އެވެ.
އެކަމަކު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނީ 26.4 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ ފައިސާއަކީ މަލްޓިލެޓެރަލް ކޮށް (5.5 މިލިއަން ރުފިޔާ) އަދި ވޮލަންޓަރީ ޖަމިއްޔާތަކުން (2.4 މިލިއަން ރުފިޔާ) ލިބޭ ފައިސާ އެވެ.
މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ބެލީ އިިންޑިއާއިންނެވެ. އެ ގައުމުން ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން އަންދާޒާކުރި އެވެ. ދެން އެ ލިސްޓުގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 502 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި އެވެ.
އެކަމަކު މި އަދަދަކީ ފައިސާގެ ހިލޭ އެހީ އާއި މަޝްރޫއުތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދު ހިމަނައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރެވެ. އެހެންކަމުން މީގެ ތެރެއިން ފައިސާގެ ހިލޭ އެހީ ވަކިކުރާނެ ގޮތެއް ނެތެވެ.
އެކަމަކު ސަރުކާރުން އުއްމީދު ކުރި ގޮތަށް ފައިސާގެ ހިލޭ އެހީއެއް ވިޔަސް ޕްރޮޖެކްޓު އެހީއެއް ވިޔަސް ނުލިބެ އެވެ. އަދި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ލިބޭނެ ކަމަށް އުއްމީދު ކުރި ވަރާ ގާތަށް ވެސް އެހީ ނުލިބެ އެވެ.
މިހާރު ފިނޭންސުން ބުނަނީ އިންޑިއާއިން ލިބޭނީ 25.3 މިލިއަން ރުފިޔާ އަދި ޗައިނާއިން ލިބޭނީ 12.2 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ފައިސާ އާއި ޕްރޮޖެކްޓުތަކަށް ދޭ ފައިސާ ހިމަނައިގެން ލިބޭނެ ކަމަށް ބަލާ އަދަދެވެ.
އުއްމީދު ކުރި ވަރަށް މި އަހަރު ހިލޭ އެހީ ނުލިބުމާ އެކީ، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ ކުރީގެ ބަޖެޓުތަކާ އަޅައިބަލާއިރު ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.
މިހާރު ސަރުކާރުން އަންދާޒާ ކުރަނީ ފައިސާގެ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނީ 24.1 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ހުރީ 20 މިލިއަން ރުފިޔާ އާއި 18 މިލިއަން ރުފިޔާ ކަމަށް އަންދާޒާކޮށްފަ އެވެ.
ފިނޭންސުން މިހާރު މިހާރު ޖަހާ އަދަދުތަކަކީ، މި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން އެކުލަވާލި ފުރަތަމަ ބަޖެޓު، އެއީ މިހާރު މި ހިނގަމުން އަންނަ އަހަރުގެ ބަޖެޓު، ގައި ޖެހި 771 މިލިއަން ރުފިޔާ އަދި އޭގެ ކުރިއަށް އޮތް އަހަރަށް ލަފާކުރި 308 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ވަރަށް ވަރަށް ކުޑަ އަދަދުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ