ބިޗަޑްގެ ފްރީކިކް ގޯލުން ވިކްޓަރީން ގްރީން ސްޓްރީޓްސް ބަލިކޮށްފި ބިޗަޑްގެ ފްރީކިކް ގޯލުން ވިކްޓަރީން ގްރީން ސްޓްރީޓްސް ބަލިކޮށްފި

އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ހިލޭޖެހުމުން 1-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށް، ވިކްޓަރީން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުން ވަނީ އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އަދި، ކްލަބް ގްރީން ސްޓްރީޓްސް އިން ކުޅުނު ފުރަަތަމަ މެޗުން ބަލިވީ ކްލަބް ވެލެންސިއާ އަތުންނެވެ. ވިކްޓަރީން ގްރީން ސްޓްރީޓްސް ބަލިކޮށް މިއަދު މި މޮޅު ހޯދިއިރު، މިއީ، 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި އެ ޓީމު ސަސްޕެންޑްވި ފަހުން، 2022 ގައި އެނބުރި އައިސް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ފަހުން ހޯދި ފުރަތަމަ މޮޅެވެ.
ގަލޮޅު ދަނޑުގައި، މިއަދު ހަވީރު ކުޅުނު މެޗުގައި ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފުގައި، ވިކްޓަރީގެ ނަޝާހު އަހުމަދު (ނައްޓު) ދެ ހަމަލާއެއް ގާތްގާތުގައި ފޮނުވާލިއިރު، ގްރީން ސްޓްރީޓްސްގެ ކީޕަރު، އަހުމަދު ރަމީޒު ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ގޯލު ޖަހަން ވިކްޓަރީ އަށް އެންމެ ހުސް ފުރުސަތު ލިބިގެންދިޔައީ، 43 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން، ވިކްޓަރީގެ ބިޗަޑް ރަނގަޅު ބޯޅައަކަށް އަރައި، ގޯލުގެ ދުރު ކަނަށް ފޮނުވާލަން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ކުޅެން އަރައި، ދެ ޓީމުގެ ފަރާތުން ލަަސް ކުޅުމެއް ފެނިގެންދިޔައިރު، ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފަށް ވުރެ ބޮޑަށް ދެ ވަނަ ހާފުގައި، ގްރީން ސްޓްރީޓްސް އިން ކުރިއަށްދާ ބޯޅަތަކުގައި އެޓޭކް ކުރެވޭތޯ ކުރި މަސައްކަތް އިތުރުވި އެވެ.
މި ހާފުގައި ވެސް ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އާއި އަހުމަދު ޒައުލް ނާޒިމް ބޮލުން ފޮނުވާލެވޭތޯ ބެލި ބޯޅަތައް ގޯލާސީދާ ވާގޮތެއްނުވި އެވެ. ގްރީން ސްޓްރީޓްސް އިން ބަދަލަކަށް އެރި މުހައްމަދު ރާއިފް ފަޒީލް، އޭރިއާތެރެއަށް ވަދެ، ފޮނުވާލި ބޯޅަ، ވިކްޓަރީގެ ކީޕަރު، އަބްދުﷲ ޔާމީން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 86 ވަނަ މިނިޓްގައި، ވިކްޓަރީގެ ތަޖުރިބާކާރު ފޯވާޑް، ސަފްރާޒް އިބްރާހިމް (ސަފްލޭ) ބޮލުން ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. އޭގެ ފަހުން، ކައުންޓަ އެޓޭކުގައި، ގްރީން ސްޓްރީޓްސްގެ މިސްރު ފޯވާޑް، އޮބައިދާ ކަދުމް ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ވިކްޓަރީ މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ, އިތުރު ވަގުތުގެ ތެރޭގައި ހިލޭ ޖެހުމަކުން ބިޗަޑް އެވެ. ގްރީން ސްޓްރީޓްސްގެ އޭރިއާބޭރުން ބިޗަޑް ފޮނުވާލި ބޯޅަ ކީޕަރު ރަމީޒް އަތްކައިރިން އަމާޒުވީ ގޯލުގެ ކަނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ