މީޑިއާގެ މިނިވަކަމާއި މައުލޫމާތު ހޯދުމުގެ ހައްގު ފުރިހަމައަށް ރައްކާތެރިކުރެވޭނެ ގޮތަށް މީޑިއާ ކޮންޓްރޯލް ގާނޫނު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދިޔަ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެއްވައި، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގު ކުރައްވާފަ އެވެ. އެއާ އެކު ޖެހިގެން އައި ހުކުރުދުވަހު މިކަމާ ގުޅިގެން އީޔޫއިން ވަނީ ޝޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.
ބުނީ ކީކޭ؟ - އަވައްޓެރި ސްރީ ލަންކާގައި ހުންނަ އީޔޫ އޮފީހުން ކުރި އެ ޕޯސްޓުގައި ބުނީ ބިލު ފާސްވެގެން އައި ގޮތާއި އެއާ ގުޅޭ ގޮތުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް މޮނީޓާކޮށްފައިވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ އަސަރު ވެސް ބަލާފައިވާނެ ކަމަށް ބުންޏެވެ.
އެގޮތުން އެ ޕޯސްޓުގައި ދިވެހި ސަރުކާރަށް ގޮވާލާފައި ވަނީ، ރާއްޖެއިން އެއްބަސްވެފައިވާ އިންސާނީ ހައްގުތަކާ ގުޅޭ އެއްބަސްވުންތަކަށް އިހްތިރާމްކޮށް، މީޑިއާގެ މިނިވަންކަމާއި ޑިމޮކްރަސީގެ އެއް އަސާސްކަމުގައިވާ މައުލޫމާތު ހޯދުމުގެ ހައްގު ރައްކާތެރި ކުރެވޭނެ ގޮތަށް އެ ގާނޫނު ތަންފީޒު ކުރުމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރު އަޑީގައި އޮވެ، ޕީއެންސީގެ ފުރިހަމަ ތާއީދު ލިބިގެން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތޫޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރެވެ. ބިލު ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. މަޖިލިސް ޗުއްޓީގައި އޮއްވާ މާ ބޮޑު ދިރާސާކުރުމެއް ނެތި ބިލު ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން ދެ ހަފްތާއެއްހާ ދުވަސް ތެރޭގަ އެވެ. ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައެއް ބައްދަލުވުންތައް ވެސް ސިއްރުކުރި އެވެ.
މި ބިލު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގާނޫނަކަށް ވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރަމުން އައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ވަނީ އުވިފަ އެވެ. އާ ގާނޫނުގެ ދަށުން މީޑިއާތައް ކޮންޓްރޯލްކުރަން އުފައްދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ކޮމިޝަނެއް މިހާރު ވަަނީ އުފައްދަވައިފަ އެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮންނަ މި ކޮމިޝަނަށް ގާނޫނުން ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ކޯޓަށް ނުގޮސް، ސަލާމަތީ ބާރުތައް މެދުވެރިކޮށް މީޑިއާތައް ބަންދު ކުރުމުގެ ފުރުސަތު ވެސް ކޮމިޝަނަށް އޮވެ އެވެ.
މީޑީއާގެ މިނިވަންކަން ނުގެއްލޭ ގޮތަށް ގާނޫނު ތަންފީޒު ކުރުމަށް އީޔޫއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ