186 މިލިއަން ރުފިޔާއަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އެމްޓީސީސީއަށް ދީފި

ހއ. ދިއްދޫގައި، ހއ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހެލްތު އަޙުމަދު ޤާސިމެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޢަބްދުލް ރަހްމާން ޔޫސުފެވެ. މި މަޝްރޫއު ހަވާލުކުރީ 780 ދުވަހުން ނިންމާ ގޮތަށް 185.6 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 50 އެނދުގެ ފަސް ބުރީގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅާނެއެވެ. މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގާއިމްކުރާނެއެވެ. ޕްރޮޖްކްޓްގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ހިމެނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ހޮސްޕިޓަލް ވެގެންދާނީ، ޒަމާނީ ފެންވަރަކަށް ޤާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލް ޢިމާރާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ