ފުޓްބޯޅަ ތަރި ބުސްކެޓްސް ރިޓަޔަމަންޓް އިއުލާނުކޮށްފި ފުޓްބޯޅަ ތަރި ބުސްކެޓްސް ރިޓަޔަމަންޓް އިއުލާނުކޮށްފި

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 26) - އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
އުމުރުން 37 އަހަރުގެ ބުސްކެޓްސް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ސީޒަނަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފެނިގެންދާނެ ފަހު އަހަރު ކަމަށެވެ. އަދި، ކުޅުން ހުއްޓާލަން ނިންމާފައިވާކަން، އިންޓަ މިއާމީގެ މެނޭޖްމަންޓާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ބުސްކެޓްސް ވަނީ ބުނެފަ އެވެ. އިންޓަ މިއާމީ އަށް ބުސްކެޓްސް ބަދަލުވީ، 2023 ވަނަ އަހަރު އެވެ.
ބާސެލޯނާގެ އެކަޑަމީން ޑިވެލޮޕްވެ، 2007-2008 ވަނަ ސީޒަނުގައި، ބާސެލޯނާ ބީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ބުސްކެޓްސް އަށް ބާސެލޯނާގެ ސީނިއާ ޓީމުން، ޕެޕް ގާޑިއޯލާ ހަވާލުވުމަށް ފަހު، ގަވާއިދުން ޖާގަ ދޭން ފެށި އެވެ. ބުސްކެޓްސް އަކީ ބާސެލޯނާގެ ސީނިއާ ޓީމުގައި ގާޑިއޯލާގެ ކޯޗިން ކެރިއަރު ފަށައި، އެންމެ އިތުބާރުކުރި އެއް ކުޅުންތެރިޔާ އެވެ.
ބާސެލޯނާ އަށް 2008-2023 އަށް ކުޅުނު ބުސްކެޓްސް ވަނީ އެ ޓީމަށް 722 މެޗު ކުޅެދީފަ އެވެ. ނުވަ ފަަހަރު ސްޕެނިޝް ލީގު ހޯދިއިރު، ހަތް ފަހަރު ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް) އަދި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.
ސްޕެއިނުން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމާއި 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި ބުސްކެޓްސް މޮޅު ކުޅުމެއް ދެއްކި އެވެ. ބުސްކެޓްސް، ސްޕެއިނަށް 143 މެޗު ކުޅެދިނުމަށް ފަހު، ގައުމީ ޓީމުން ރިޓަޔާކުރީ، 2022 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ