3 އަހަރު ތެރޭގައި, ފެނަކައިން ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރި: އޮޑިޓް
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގި ކަމަށް އަބަދުވެސް ތުހުމަތުކުރެވުނު, ފެނަކަ ކޯޕަރޭޝަނުން 2021 އިން 2023ގެ ނިޔަލަށް އެކަނި ބިޑަކަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ރޭ އާއްމުކުރި ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ކޮށްގެން ނުވާނެ ގޮތަށް އެތައް ކަމެއް, ސީދާ ސަރުކާރު ނިސްބަތްވާ އެ ކުންފުނިން ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އޭގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ދިމާވެފައިވާ އެތައް ގޮންޖެހުމެއްގެ ތަފުސީލު އެ ރިޕޯޓްގައި ހިމެނެއެވެ. އެގޮތުން، ރިޕޯޓްގައި ބުނެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ކުރި ޚަރަދު ނުލައި ފެނަކައިން 8.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އެ ޚަރަދުގެ ތެރޭގައި ހިމެނެނީ އެ ކުންފުނީގެ އާއްމު އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރި ޚަރަދުތަކާއި އެކި ރަށްރަށުގައި އާ އިންޖީނުގެ އެޅުމާއި އޮފީސް އިމާރާތް ހެދުމަށް ކުރި ޚަރަދުތަކެވެ. ފެނަކަ އައްޑޫގެ ސްޓޭޝަނެއް: -- ފޮޓޯ/ ފެނަކަމީގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ކަރަންޓް ކޭބަލާއި ޖަނަރޭޓަރު ސެޓާއި ޓްރާންސްފޯމަރު ގަތުމަށާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ކޮށްފައިވާ ޚަރަދުތަކެވެ. އެތަކެތި ގަތުމަށް ވާދަވެރި ބީލަމަކަށް ނުގޮސް 1.4 ބިލިއަން ރުފިޔާގެ މަސައްކަތް, 438 އެއްބަސްވުމެއްގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެ ޚަރަދުތަކުގެ ތަފުސީލަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަރަންޓް ކޭބަލް ގަތުމަށެވެ. އެގޮތުން، ބީލަމަކަށް ނުލައި އެކަން އެކިއެކި ކުންފުނިތަކާ ހަވާލުކޮށްގެން 544 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓުން ބުނެއެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް އެގޮތަށް ފެނާއި ނަރުދަމާގެ މަސައްކަތްތަކަށެވެ. އެކަމަށް ބީލަމަށް ނުލައި 419 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެބަހުއްޓެވެ. ދެން އެންމެ ބޮޑު ހޭދައެއް ބީލަމަށް ނުލައި ކުރީ ޖަނަރޭޓަރު ސެޓްތައް ގަތުމަށެވެ. އެކަމަށް 259 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެބަވެއެވެ. ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ބިޑަށް ނުލައި ކުރި އެ މަސައްކަތްތަކުގެ ތެރެއިން 384 އެއްބަސްވުމަކަށް ބެލިއިރު އޭގެ ތެރެއިން 48 ޕަސެންޓް މަސައްކަތް ހަވާލުކޮށްފައިވަނީ އާއްމު ބީލަމުގެ އުސޫލުން ބޭރުން އިމަޖެންސީ ހާލަތެއްގައި މަސައްކަތްކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. އޮޑިޓް ރިޕޯޓް-- އޮޑިޓް ރިޕޯޓް ބުނާގޮތުން އާއްމު ބީލަމުގެ ބޭރުން ދީފައިވާ މަސައްކަތްތަކަށް ބަލާއިރު އެންމެ ބޮޑު އެއްޗެއް ދީފައިވަނީ "ސާސޭ" ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ހަވާލުކުރި އަށް މަސައްކަތެއްގެ އަގު 149 މިލިއަން ރުފިޔާއަށް އަރައެވެ. ދެވަނައަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ އެމްވީސް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ދީފައިވާ މަސައްކަތްތަކުގެ އަގު 130 މިލިއަނަށް އަރައެވެ. ތިންވަނައަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ އަޒްރާވޯ ކިޔާ ކުންފުންޏަކަށެވެ. އެއީ 107 މިލިއަން ރުފިޔާގެ މަސައްކަތެވެ. ހަތަރުވަނައަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ޓޫއޭ ކޮމްޕެނީއަށެވެ. އެއީ 101 މިލިއަން ރުފިޔާގެ މަސައްކަތެވެ. މިހެން ގޮސް 62 ކުންފުންޏަކަށް އެތައް ޕްރޮޖެކްޓެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކުންފުނިތައް ހިމެނެއެވެ. އޮޑިޓާ ޖެނެރަލް ވަނީ މިފަދަ ގޮތްގޮތަށް ޚަރަދުކުރުމަކީ ވަކި ފަރާތަކަށް މާލީ ފައިދާ ހޯދައި ދިނުން ކަމަށް ބެލެވޭތީ މިކަންކަން އިސްލާހުކުރުމަށާއި އިހުމާލުވެފައިވާ މައްސަލަތައް ތަހުގީގުކުރަން އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ