ފެނަކައިގެ އޮޑިޓް ރިޕޯޓުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ފަޅާއަރައިފި ފެނަކައިގެ އޮޑިޓް ރިޕޯޓުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ފަޅާއަރައިފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ރޭ އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެ އިތުރުން، 2021 އިން 2023 އަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި އައު އިންޖީނުގެ އެޅުމާއި އޮފީސް އެޅުމުގެ 57 މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި 2024 ގެ ނިޔަލަށް މީގެ ތެރެއިން 41 މަޝްރޫއެއް ނިމިފައި ނުވި ނަމަވެސް އެކަމަށް 1,069,248,952ރ. ދޫކުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މި މަޝްރޫއުތައް ނިންމަން މާކެޓު ރޭޓުގެ ބޭރުން އިތުރަށް 241 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓަރުން ލަފާކުރެ އެވެ. މި އަދަދު ހިމަނައިގެން އެ 57 މަޝްރޫއަށް މާކެޓު އަގަށްވުރެ އިތުރަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓު ރިޕޯޓު ތައްޔާރުކުރި ތިން އަހަރުގެ މުއްދަތުގައި ފެނަކައިން ނުއަގުގައި ދޯންޏާއި ލޭންޑިން ކްރާފްޓު ވެސް ކުއްޔަށް ނަގާފައިވެ އެވެ. އެގޮތުން، އެކަމަށް އެ ތިން އަހަރުގެ ތެރޭ ހެދި 612 އެއްބަސްވުމުގެ ތެރެއިން 344 އެއްބަސްވުމަކީ މާކެޓު އަގަށްވުރެ ބޮޑު އަގުތަކެއްގައި ހަދާފައިހުރި އެއްބަސްވުންތަކެކެވެ. މިކަމުގެ ސަބަބުން މާކެޓު އަގަށްވުރެ އިތުރަށް ފެނަކައިން އެ ފަރާތްތަކަށް 47.6 މިލިއަން ރުފިޔާ ދޫކުރި އެވެ.
މި ކަންކަމާއެކު 2023 ނިމުނުއިރު ފެނަކަ އޮތީ 3.9 ބިލިއަން ރުފިޔާއިން ދަރައިފަ އެވެ. އޭގެ ތެރޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ހިމެނެ އެވެ. އެހެން ނަމަވެސް ފެނަކައިން ގަވާއިދުން ފައިސާ ދައްކަމުންދިޔައީ 79 ފަރާތަކަށް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މާލީ ހާލަތު ގޯސްވެ، ފެނަކަ ބަނގުރޫޓުވުމުގެ ބިރު އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭ ދައުލަތުން ވަނީ ލޯނުތަކުގެ އިތުރުން އެ ކުންފުނީގެ ހިދުމަތްތައް ހުއްޓުނަ ނުދިނުމަށްޓަކައި ހަތަރު ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
ފެނަކައިގެ ހިޔާނާތްތަކުގެ ތެރެއިން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ އުފުލަން މިހާރު ވަނީ ފޮނުވާފަ އެވެ. ދައުވާ ކުރަން ފޮނުވީ އޭސީސީގެ ތަހުގީގަކަށްފަހު އެވެ.
އޭސީސީން އޭރު ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ހިމެނޭ ކަމަށެވެ. އެ މައްސަލަތަކުގައި ސައީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ