މަރަކީ ދުނިޔޭގަ ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތް! މިކަންކަމަށް އެބަ ވިސްނަމުތަ؟

"އޭނާ މަރުވެއްޖެ! އަހުރެންވެސް މަރުވާނެ!" ބުނެލަން ދުލަށް ފަސޭހައެވެ. އެކަމަކު މަރާއި ގުޅިފައިވާ ކަންކަމަކީ މީހަކަށް ދުނިޔޭގައި ކުރިމަތިވާނެ އެންމެ ބޮޑެތި ކަންކަމެވެ. މަރާއިމެދު އެހައި ފަސޭހަކޮށްލެވެނީ މަރަށް ބިރުވެތި ނުވެވޭތީއެވެ. 
މަރާއިމެދު ގިނަ ބައަކަށް ތިބެވެނީ ވަރަށް ބޮޑަށް ޣާފިލުވެގެންނެވެ. ނަމަވެސް އެއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ހޭލުންތެރިވާންޖެހޭނެ ކަންތަކެވެ. ގިނަ ބައަކަށް ދުނިޔެވެސް އަދި އާޚިރަތްވެސް ގެއްލިގެންދަނީ މަރާއިމެދު ޣާފިލުވެގެން ދުނިޔޭގައި އުޅެވޭތީއެވެ. 
މަރު ނުވަތަ މަރުވުން ކީރިތި ޤުރްއާނުގައި އެތައް ގޮތަކުން ﷲ ތަޢާލާ ސިފަކުރައްވަވާފައިވަނީ ކުރިމަތިވާ މުޞީބާތެއްގެ ގޮތުގައެވެ. ގިނަބައަކަށް އެކަން މާން ކުރެވެނީ މަރުވުމުގެ ވަގުތުގައި ކުރިމަތިލާންޖެހޭ ކަންތައްތައް ކަމަށެވެ. ނަމަވެސް އެއިގެ މާނައަކީ ތަފާތު މާނައެކެވެ. 
މަރު ނުވަތަ މަރުވުން މުޞީބާތަކަށްވެގެންދަނީ އެހިސާބުން އޭނާއަށް ހެޔޮ ޢަމަލުތައް ކުރުމުގެ ފުރުޞަތު ބަންދުވެގެންދާތީއެވެ. ތައުބާވުމުގެ ފުރުޞަތު ބަންދުވެގެންދާތީއެވެ. މަރުވުމަށްފަހުގައި އެއްވެސް ހެޔޮ ކަމެއް ނުކުރެވޭނެއެވެ. ނަމާދެއް ނުކުރެވޭނެއެވެ. ރޯދައެއް ނުހިފޭނެއެވެ. އަދި ދޫކޮށްފައި އައި އަމިއްލަ މުދަލުން ޞަދަޤާތްވެސް ނުކުރެވޭނެއެވެ. 
ވިސްނައިލާށެވެ! ޖެހޭ ބައްޔެއްގެ ސަބަބުން ތިމާގެ ހަށިގަނޑުން އެއްވެސް ޙަރަކާތެއް ނުކުރެވި ތަންމަތީގައި އޮންނަން ޖެހުމަށްވުރެ ބޮޑު މުޞީބާތެއް އެއްވެސް މީހަކަށް ކުރިމަތިވާނެ ހެއްޔެވެ؟ މަރުވުމަކީ އެއަށްވުރެ މާބޮޑު މުޞީބާތެކެވެ. ކައްވަޅުގައިވެސް ޢަޛާބް ލިބެމުންދަނީއެވެ. ސަލާމަތްވާން ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެންމެ ހެޔޮ ބަހެއްވެސް ނުބުނެވޭނެއެވެ. ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެންމެ ކުޑަމިނުން ޝަހާދަތްވެސް ނުކިޔޭތަނުގައި ދުނިޔޭގައި ހުރެ ހެޔޮ ޢަމަލުތައް ނުކުރެވުނުކަމާއިމެދު އިންތިހާއަށް ހިތާމަކުރެވޭނެއެވެ. ތައުބާވެ ހެޔޮ ޢަމަލުކުރަން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވާނެ ނަމައޭ އަބަދު ހިތަށް އަރާނެއެވެ. 
މީސްތަކުންނޭވެ! އެންމެ ބޮޑު އިސްކަމެއް ދޭންވީ މިބޮޑު މުޞީބާތުން ސަލާމަތްވުމަށެވެ. ތިމާގެ ކައްވަޅަކީ ނަރަކައިގެ ޖަގަހައަކަށްވުމުގެ ބަދަލުގައި ސުވަރުގޭގެ ބަގީޗާއަކަށް ހެދުމަށެވެ. އެކަން ޙާޞިލުކުރެވޭނީ މަރުވުމުގެ މުޞީބާތަށް ދުނިޔޭގައި ހުރެ ތައްޔާރުވެވުނު ވަރަކުންނެވެ. ތައްޔާރުވާން ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. އެއީ ފާފަނުކުރުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. 
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ