ހުރިހާ ޢިލްމްވެރިންވެސް ވިދާޅުވާ އަޑުއަހަމެވެ. ފައިސާ ގެއްލިއްޖެނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު އަނބުރައި ހޯދިދާނެއެވެ. ނަމަވެސް ބޭކާރުގޮތުގައި ނަގައިލެވޭ ވަޤުތަކީ އަނބުރައި އަނބުރައި ހޯދޭނެއެއްޗެއް ނޫނެވެ. އެއީ އެކަން މާތް ﷲ ލައްވަވާފައިވާ ގޮތެވެ.
އަހުރެން ތިބާ އާއި ސުވާލެއްކޮށްލާނަމެވެ! އެސުވާލަކީ ކޮންމެ ދުވަހަކު ތިބާގެ އެކައުންޓަށް 86400 ޑޮލަރު ޖަމާވާނަމަ އެއިން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބަކަށްވާނީ ބުއްދިވެރިއަކުނަމަ އެއިން ބޭނުންކޮށްފައި ފަހަށް ރައްކުކުރާނެއެވެ. އަދި ދާއިމީ ގޮތަކަށް ފައިދާ އިތުރުވާނެ ކަންކަމަށް އިންވެސްޓްވެސް ކުރާނެއެވެ.
ދެން ކުރަން އޮތް ސުވާލަކީ އެ 86400 ޑޮލަރުގެ ތެރެއިން މީހަކު އެންމެ 100 ޑޮލަރު ވަގަށް ނަގައިފިނަމަ ބާކީ ހުރި 86300 ޑޮލަރު ހޭދަކުރާނީ ވަގަށް ނެގި 100 ޑޮލަރު ހޯދަން ހެއްޔެވެ؟ ހަމަޤައިމުވެސް ބުއްދިވެރިއަކު އެގޮތަށް އެކަމެއް ނުކުރާނެއެވެ.
މިމިޘާލު މިޖެހީ ކޮންމެ ދުވަހަކު ކޮންމެ މީހަކަށްވެސް 86400 ސިކުންތުގެ ވަޤުތު ލިބެއެވެ. އެވަޤުތުތަކުން ކުޑަކުޑަ މިންވަރެއް ނުބައި ގޮތުގައި ގެއްލިގެންދާނެ ގޮތަށް ކަންކަންކުރާ ބައަކުވެސް އުޅޭނެއެވެ. ވީމާ ބުއްދިވެރީ އެމީހުން ކުރި ނުބައި ކަމުގެ ވާހަކަ ދައްކަން މުޅި ދުވަސް ހޭދަކުރުންހެއްޔެވެ؟ ނޫންނަމަ އެކަމަށް ނުވިސްނައި ދުވަހުގެ ދެންހުރި ވަޤުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން ހެއްޔެވެ؟
މިއީ އަހުރެންނަށް ފެނުނު ވީޑިއޯއެއްގައި ފާހަގަކޮށްފައިވާ ވަރަށް ބުއްދިވެރި ވާހަކަކޮޅެކެވެ. އެބަސްކޮޅު ބުނި މީހާއަށް ބަލާކަށް ނެތީމެވެ. އެމީހާއަށް ބުނެވިފައި އެވަނީ ވަރަށް ހެޔޮ ނަޞޭޙަތެކެވެ.
މިޘާލަކަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއް ކުރިމަތިވާނެއެވެ. ކޮންމެވެސް މީހެއްގެ ކިބައިން ގެއްލުމެއްވެސް ލިބިދާނެއެވެ. އެއީ ނުވެނުދާނެ ކަންކަމެވެ. ސުވާލަކީ މުޅި ދުވަސް ހޭދަކުރަންވީ އެކަމަށް ކަންބޮޑުވުން ފައުޅުކުރަން ހެއްޔެވެ؟ އެކަމުގެ ވާހަކަތައް ދައްކައި ގެއްލުން ދިންމީހާގެ ކިބައިން ބަދަލުހިފަން މަސައްކަތްކުރަންހެއްޔެވެ؟ އޭނާ ފަޟީޙަތްކުރަން ހެއްޔެވެ؟
ބުއްދިވެރިއަކު ނަމަ އެގޮތަކަށް އެކަމެއް ނުކުރާނެއެވެ. އޭނާ މަސައްކަތްކުރާނީ ލިބުނު ގެއްލުން ﷲ ތަޢާލާއަށް ވަކީލުކޮށްފައި ބާރަށް ކުރިއަށްދާށެވެ. މަސައްކަތްކުރާނީ އެމީހާ ކުރި ނުބައި ކަންތަކާއި ބުނި ނުބައި ބަސްތައް އެމީހާއަށް ދޫކޮށްލާފައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަށެވެ.
- އަލަފް / މިއަދުނޫހަށް
ދުވަހުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަންނަން ޢަމަލުކުރުމުގަ ވިސްނަން ފައިދާހުރި ގޮތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ