އެއާޕޯޓުން 68،000 ރުފިޔާއާއި 1700 ޑޮލަރާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާއާއެކު، އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމަށެވެ. އެއީ 30 އަހަރުގެ، ރަފިގުލް އިސްލާމް ކިޔާ ބަންގްލަދޭޝް މީހެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ ޔޫއެސްޑޮރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. އޭނާއަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި ޑޮލަރުގެ ބޭންކު ރޭޓަކީ 15.42 ނަމަވެސް، އެންމެ ގިނަ ބަޔަކު ޑޮލަރު ގަންނަ ގޮތް ކަމަށްވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 20 ރުފިޔާއިން މަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ