ކުޅުދުއްފުށި ސިޓީގައި އިމާރާތް ކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމް.އާރް.އެފް) މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ފެސިލިޓީ ހުޅުވާފައިވަނީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވުނު ކުނި މެނޭޖް ކުރުމާއި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށި ކުނިކޮށީގައެވެ. މި ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެވަޔަރަމެންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓަރ ޖެނަރަލް ނޯބޫ ވަންޗަކް އެވެ. މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ ޕްލާސްޓިކް، އެލުމިނިއަމް ދަޅު އަދި ހަރު މަޢުދަނުތައް ރީސައިކަލް ކުރުމާއި، ޖުމްލަ ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމް ހަރުދަނާ ކުރުމެވެ. މި ފެސިލިޓީ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުނި ބޭލްކުރުމަށް ދެ ބޭލިންގ މެޝިނާއި، 4 ރަށު ޕިކަޕްއާއި ހައިޑްރޯލިކް ޕެލެޓް ސްޓެކަރއާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓް ވަނީ ފޯރުކޮށްދެވިފައެވެ. އަދި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓް ވެސް ވަނީ ފޯރުކޮށްދީފައެވެ. މި ފެސިލިޓީގެ ތެރޭގައި އޮފީހަކާއި، ޕޭންޓްރީ އަދި ނަމާދު ކޮޓަރިއެއް ވެސް ވަނީ ޤާއިމްކުރެވިފައެވެ. މީގެ އިތުރުން، މި ފެސިލިޓީ ދެމެހެއްޓެނިވިގޮތަކަށް އޮޕަރޭޓްކުރުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރެވިފައިވާއިރު، ފެސިލިޓީ ދެމެހެއްޓެނެވި ނިޒާމެއް ގޮތުގައި ހިންގުމަށް ޕްރޮޖެކްޓް އިންވަނީ ވެމްކޯގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނު ވެސް ދީފައެވެ. މި ފުރުސަތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް އިންވަނީ މިފަދަ ޕްރޮޖެކްޓެއް ކުޅުދުއްފުށީގައި ހިންގަވައި، ޕްރޮޖެކްޓްގެ ތެރެއިން މިފަދަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާފައިވާތީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީއަށް، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރައްޔިތުންގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކުޅުދުއްފުށި ސިޓީގައި އިމާރާތް ކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ