މަޖިލިސް ކައިރިއަށް އެއްވި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި މަޖިލިސް ކައިރިއަށް އެއްވި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

ސަރުކާރު އަޑީގައި އޮވެ ނޫސްވެރިކަން ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްނުކުރުމަށް ގޮވާލައި މަޖިލިސް ދޮށުގައި އިއްޔެ ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.
އެ މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.
"އަޅުގަނޑުމެން އެންއައިސީއަށް މި އައީ އެ ވާހަކަތައް ހިފައިގެން. އަޅުގަނޑުމެން ދެންނެވިން ކީއްވެގެންތޯ ތި ބޭފުޅުން އަމިއްލަ އިސްނެގުމަށް މި މައްސަލަތައް ނުބަލަނީ. މުޅި މީޑިއާގައި އޮތީ އަނިޔާގެ ފޮޓޯތަކާއި ވީޑިއޯތައް. އެ ބޭފުޅުން އަދިވެސް އިސްނަގައިގެން އެ މައްސަލަތައް ނުބަލާ،" އެންއައިސީ ކުރިމަތީގައި ހުންނަވާ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވި އެވެ.
މުޒާހަރާގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހައްޔަރުކުރި އެވެ. ނަމަވެސް، ޕްރެޝަރު ބޮޑުވުމުން ފަހުން ދޫކޮށްލީ އެވެ.
އިއްޔެ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރީ އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުމަށް ފަހު އެވެ. މަޖިލިސް ދޮރުމަތިން ފަހަތަށް ޖެއްސި ނަމަވެސް ހެނދުނުން ފެށިގެން 12 ގަޑިއިރު ވަންދެން އިއްޔެގެ މުޒާހަރާ ކުރިއަށްގެންދިޔަ އެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އަދިވެސް އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ