ގާޒާއަށް ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާއާ ދެކޮޅަށް އެއްވެސް ޣައިރު ޤާނޫނީ ޢަމަލެއް ނުހިންގުމުން ރާއްޖެއިން ގޮވާލައިފި

ގާޒާއަށް އިންސާނީ އެހީގެ ކާޑު ބަރުކޮށްގެން ދަތުރުކުރާ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' އާ ދެކޮޅަށް އެއްވެސް ޣައިރު ޤާނޫނީ ނުވަތަ އަނިޔާވެރި ޢަމަލެއް ނުހިންގުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައިވަނީ ފްލޮޓިލާގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ކުރުމަށްވެސް ގޮވާލާފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބަންގްލަދޭޝް، ބްރެޒިލް، ކޮލޮމްބިއާ، އިންޑޮނޭޝިއާ، އަޔަލޭންޑް، ލިބިޔާ، މެލޭޝިއާ، ދިވެހިރާއްޖެ، މެކްސިކޯ، ޕާކިސްތާން، ގަތަރު، އޮމާން، ސްލޮވީނިއާ، ސައުތު އެފްރިކާ، ސްޕެއިން، ތުރުކީގެ ފޮރިން މިނިސްޓަރުން، އެ ޤައުމުތަކުގެ ރައްޔިތުން ބައިވެރިވާ މަދަނީ މުޖުތަމައުގެ އިސްނެގުމެއް ކަމުގައިވާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ސަލާމަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ފްލޮޓިލާގެ މަޤްޞަދުތަކުގެ ތެރޭގައި، ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކުއްލި އިންސާނީ އެހީގެ މުހިންމުކަމާއި، ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. މި ދެ މަޤްޞަދަކީ، އެބަހީ ސުލްޙައާއި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތާބެހޭ ޤާނޫނު ހިމެނޭގޮތަށް ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމްކުރުމަކީ ރާއްޖޭގެ ސަރުކާރުންވެސް ބައިވެރިވާ ކަންކަމެވެ.
ވުމާއެކު، ފްލޮޓިލާއާ ދެކޮޅަށް އެއްވެސް ޣައިރު ޤާނޫނީ ނުވަތަ އަނިޔާވެރި ޢަމަލެއް ހިންގުމުން ދުރުހެލިވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނަށް އިޙްތިރާމްކުރުމަށް ރާއްޖެއިންވަނީ ގޮވާލާފައެވެ. އަދި، ފްލޮޓިލާގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާ ޚިލާފުވުމެއް، އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ކަނޑުގައި އުޅަނދުތަކަށް ހަމަލާދިނުން ނުވަތަ ޣައިރު ޤާނޫނީ ގޮތުން ބަންދުކުރުން ހިމެނޭގޮތަށް، އެފަދަ ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަންވެސް ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ