މި ދައުރު ތެރޭ ގޮއިދޫ އިންޖީނުގެ ބަދަލުކުރަން މުއިއްޒު ވައުދުވެފައި އޮތަސް އެކަން ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ މި ދައުރު ތެރޭ ގޮއިދޫ އިންޖީނުގެ ބަދަލުކުރަން މުއިއްޒު ވައުދުވެފައި އޮތަސް އެކަން ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ބ. ގޮއިދޫ އިންޖީނުގެ މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ނަމަވެސް މި ދައުރުގެ ތެރޭ އެ މަޝްރޫއު ނުނިމޭނެ ކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގޮއިދޫ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ތާރީހެއް ހޯދުމަށް ވަޒީރާއި ސުވާލުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.
އެ ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށޭނީ 2028 ގައި ކަމަށާއި އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2029 ގައި ކަމަށެވެ. އެ މަޝްރޫއަށް ބިން ހަމަޖެހިފައި އޮތަސް މިހާތަނަށް މަސައްކަތް ނުފެށި އޮތް ކަމަށް ވެސް ތޯރިގު ވިދާޅުވެފައިވެ އެވެ.
"ފެނަކައިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމުމަށް އިސްކަންދީފައިވަނީ މިހާރު އަޅަން ފަށައި ނުނިމި ހުރި ޕްރޮޖެކްޓުތައް. ފަށާފައި ހުރި ޕްރޮޖެކްޓުތައް ނިމުމާއެކު އަލަށް އަޅަން ހަމަޖެހިފައިވާ އިންޖީނުގެތަކުގެ މަސައްކަތް ފެށޭނެ،" ތޯރިގު ލިޔުމުން ފޮނުވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ގޮއިދޫ އިންޖީނުގޭގައި ހުރީ 250 ކިލޯވޯޓުގެ ދެ ޖަނަރޭޓަރާއި 400 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރުތައް ބޭނުންކޮށްގެން 650 ކިލޯވޯޓުގެ ކަރަންޓު އުފެއްދޭ ކަމަށާއި އެ ރަށަށް ބޭނުންވާ ލޯޑަކީ 327 ކިލޯވޯޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އިންޖީނުގެ ބަދަލުކުރަން ޖެހޭ ކަމަށާއި އެކަން އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ ސެޕްޓެމްބަރު 22، 2023 ގައި ގޮއިދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ. އިންޖީނުގެ ބަދަލުކުރުމުގެ ތެރެއިން އެ ރަށުގެ ކަރަންޓު ނިޒާމު ރަނގަޅު ކޮށްދެއްވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.
އޭގެ ފަހުން މި އަހަރުގެ އޮގަސްޓު މަހު ގޮއިދޫއަށް ވަޑައިގެން މުއިއްޒު ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މި ރަށުގެ އިންޖީނުގޭގެ މައްސަލަ، ހިދުމަތް ރަނގަޅުކުރުން. ނޫނީވިއްޔާ، އެއާ ގުޅިފައިވާ ފެންވަރު ރަނގަޅުކުރުމަށް ކުރަންހުރި ހުރިހާ ކަމެއް. އިތުރުކުރަންޖެހޭ ކޭބަލް އެޅުމާއި، އެކި ދިމަދިމާއަށް އިތުރުކުރަންޖެހޭ ޖާގަ، ޓޫރިޒަމްގެ ކަންކަމަށް އަދި ގޯތި ދޫކުރި ސަރަޙައްދަށް، މިހެންގޮސް މުޅި މައްސަލަ، ކަރަންޓާ ގުޅިފައިވާ، ކަރަންޓުގެ ނިޒާމާ ގުޅޭ މައްސަލަތައް ހައްލުކޮށްދިނުމުގެ ވައުދު. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި މި ހުރިހާ ކަމެއް ހައްލުކޮށްދިނުމުގެ ވަށައިޖެހޭ މަޝްރޫއެއް މި ރަށުގައި ކުރިއަށް ގެންދަން އަމަލީގޮތުން ފަށާނަން،" އޮގަސްޓު 12، ގައި މުއިއްޒު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނިކޮށް، މި ދައުރުގެ ތެރޭ ގޮއިދޫ އިންޖީނުގެ ބަދަލު ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި ސަބަބެއް ސާފެއް ނޫނެވެ.
2022 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާ ގޮތުގައި ގޮއިދޫގައި ދިރިއުޅެނީ 583 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ