އާންމުންގެ ޝަކުވާ: 'މުހިންމު ބޭސްތައް ރާއްޖެއަކުން ނުލިބޭ، އެންސްޕާއިން ރަނގަޅު ހިދުމަތެއް ނުލިބޭ'

ރައީސް މުހައްމަދު މުއިއްޒު ސިލްސިލާކޮށް މިހާރު މާލޭގައި ބާއްވަމުންދާ 'ރައްޔިތުންގެ ބައްދަލުވުން' ތަކުގައި، އެންމެ އާންމުކޮށް އިވޭ ވާހަކައަކީ، ރާއްޖެއިން ލިބޭ ސިއްހީ ފަރުވާގެ ދޯހަޅި ކަމުގެ ވާހަކަތަކެކެވެ.
މީގެ ތެރެއިން ވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން އޮންނަ އެއް މައްސަލައަކީ، ބޮޑެތި ދާއިމީ ބަލިތައް ތަހަންމަލުކުރަންޖެހޭ މީހުން ވެސް ހިމެނޭހެން، ބަލިމީހުން ބޭނުންވާ މުހިންމު ބޭސް ރާއްޖެއިން ލިބެން ނުހުންނާތީ އެވެ.
ގަލޮޅު ރައްޔިތުންނާއެކު ރައީސް މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި ވެސް، ގިނަ މީހުން މި ޝަކުވާ ކުރި އެވެ. މުހިންމު ބޭސްތައް ނުލިބުމުގެ އިތުރުން، އެފަދަ ބޭސްތައް ނުލިބިގެން އެންސްޕާއަށް ދިއުމުން، އެތަނުން ވެސް ރަނގަޅު ހިދުމަތެއް ނުލިބޭ ކަމުގެ ޝަކުވާ ރޭގެ އެ ބައްދަލުވުމުގައި ކުރި އެވެ.
އޭގެތެރެއިން އެކެއްގެ ވާހަކަ ފެށީ، ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް އެފަދަ ބައްދަލުވުމަކަށް ވަޑައިގެން އިންނެވީތީ ޝުކުރު އަދާކުރަމުންނެވެ. އެއީ އުފާވެރި އުންމީދީ މަންޒަރެއް ނަމަވެސް، ރައީސްއެކޭ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތްދޭންތިބޭ ތަންތަނުގެ މިނިސްޓަރުންނާއި ވެރިން ވެސް ރައްޔިތުންގެ އަޑު ގާތުން އެހުން މުހިންމުކަން އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑު އެންސްޕާ ތެރޭގައި ހުރެ އަޅުގަނޑުގެ އަމިއްލަ ފޯނުން، [އެންސްޕާގެ ސީއީއޯ] ހީނާ [ވަލީދަށް] ގުޅާލިން. ތިން ފަހަރު ގުޅީމާ ވެސް ވޮއިސް މެއިލަށްލީ. ފޯނެއް ނުނަގާ. އެހެންވީމާ އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުމެންގެ ރައީސް[މުހައްމަދު މުއިއްޒު]ހެން ހުރިހާ މިނިސްޓަރުން ވެސް އަދި ކުންފުނިތަކުގެ ވެރިން ވެސް ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ރައްޔިތުން އެދޭ ފަދަ ކަންކަން ކޮށްދެއްވާށޭ،" އެމީހާ ބުންޏެވެ.
އޭނާ މިކަން ފާހަގަކުރީ، ކޮންމެހެން ވެސް ބޭނުންވާ ބޭހެއް ހޯދަން އުޅޭތާ އެތައް ދުވަހެއް ވީއިރު ވެސް އެ ނުލިބިގެން އެންސްޕާއަށް ދިއުމުން، އެތަނުން ވެސް ރަނގަޅު ހިދުމަތެއް ލިބިފައިނުވާކަން ފާހަގަކުރަމުން ރައީސަށް އިއްވި ކަންބޮޑުވުންތަކުގަ އެވެ.
އޭނާގެ މަންމައަކީ ހިތުގެ ސާޖަރީއަކާއި ފުއްޕާމޭގެ ބަލި ތަހަންމަލުުކުރާ މީހެކެވެ. ފުއްޕާމޭގެ ހާލަތު މިފަހުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، އެކަމަށް ޑޮކްޓަރު ލިޔެދެއްވީ ވެކްސިނެކެވެ. އެ ވެކްސިން ހޯދަން އުޅެއުޅެ، ނުލިބިގެން މިހާރު މަންމަ ވެސް އަނބުރާ ރަށަށް ގޮސްފި ކަމަށާއި އަދިވެސް ހުރީ އެ ވެކްސިން ނުޖަހާ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން އޭނާ ބުނީ:
އެސްޓީއޯ ފާމަސީއަށް އެ ވެކްސިން ހޯދަން ދިއުމުން ބުނީ މިހާރު އެތަނުން އެ ވެކްސިން ނުލިބޭ ކަމަށާއި އެ ހޯދަންޖެހޭނީ ވިރަ ޕޯޓަލުން ކަމަށް
އެބުނާ ޕޯޓަލަކުން އެ ވެކްސިން ހޯދަން ލީމައި މިވެނި އެއްޗެއް، އެވެނި އެއްޗެއް މަދުވެގެން މެސެޖު އަންނަން ފެށި
ހުރިހާ އެއްޗެއް ހަމަކޮށް އަލުން ލާފައި ހުއްޓާ އެންސްޕާ ނުވަތަ އާސަންދައިން އެ ވެކްސިން ކަވާކޮށްދެވެން ނެތް ކަމަށް މެސެޖު އައި؛ ރާއްޖޭގެ އެއްވެސް ފާމަސީއަކުން ވެސް އެ ވެކްސިން ނުލިބޭ ކަމަށް އޮތް
"އެހެންވީމާ އަޅުގަނޑުމެން ނިކަމެތި ރައްޔިތުން ދާންޖެހެނީ އެންސްޕާއަށް. އަޅުގަނޑު އެސްޕާއަށް ގޮސްފިން ބުރާސްފަތި ދުވަހު. އެންމެ ކުއްޖެއް ހުރީ [ހިދުމަތްދޭން] ޑެސްކުގައި. ލޯފަން މީހުންނާއެކު އެތަނުގައި 10ވަރަކަށް މީހުން [ކިއޫގައ]ި ތިބި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކާޑު ބަލައި ގޮސްފައި،" އެންސްޕާގެ ހިދުމަތް އޮތް ހާލަތު ކިޔައިދެމުން އޭނާ ބުންޏެވެ.
އޮފީހުން ލިބުނު ބްރޭކެއްގައި 12:30ގައި އެންސްޕާއަށް ގޮސް، 2 ޖެހިއިރު ބްރޭކުގެ ވަގުތު ހަމަވެގެން އޮފީހަށް އަނބުރާ ދާންޖެހުނުއިރު ވެސް ހޯދަން ދިޔަ ހިދުމަތް އެތަނުން ލިބޭގޮތް ނުވި ކަމަށް އޭނާ ބުންޏެވެ. 
"[އެންސްޕާ]ގަ އިން ކުއްޖާ ބުނީ ކީއްތޯއޭ ކުރާނީ. މިތަނުގައި އޮންނަ އުސޫލޭ. އެކަމަކު ތިބޭފުޅުން ހަދާފަ އޮންނަ އުސޫލެއްގެ ދަށުން އެތަނަށް ހިދުމަތް ހޯދަން ދިޔައީމާ މިގޮތަކަށް ނޫން ދެއްތޯ ޖަވާބު ދެއްވަންވާނީ. އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑު އުންމީދެއްގައި،" އޭނާ ބުންޏެވެ.
މިފަދަ ބައެއް ބޭސްތަކަކީ އަސާސީ ބޭސްތަކުގެ ލިސްޓުގައި ނުހިމެނޭ އަދި ވަރަށް މަދު މީހުން ބޭނުންވާ ބޭސްތަކަކަށްވުމުން، އާސަންދައިގެ ދަށުން އެ ބޭސްތައް ލިބެން ނުހުރެ އެވެ.
އެއީ ވަރަށް މަދުން މީހުން ގަންނާނޭ ބޭހަށް ވާތީ އެސްޓީއޯއިން އެފަދަ ބޭސްތައް ގެންނަނީ އާންމުން ބޭސް ސިޓީ ހިފައިގެން އައުމުން އެފަދަ ބޭސް ގެންނަން ހިނގާ ހަރަދު އެންސްޕާއިން ދޭނޭ ކަމުގެ ޔަގީންކަން ނުވަތަ އެޕްރޫވަލް ދިނުމުންނެވެ. މިހާރު މައްސަލައަކަށް ވަނީ އެފަދަ ރިކުއެސްޓްތައް އެޕްރޫވް ކުރަން ހިނގާ ވަގުތު ގިނަވުމެވެ. އަދި އުސޫލު ހަރުކަށިކޮށް، ޑޮކްޓަރުގެ ސިޓީ އޮތަސް ބައެއް ރިކުއެސްޓްތައް އެންސްޕާއިން މިހާރު އެޕްރޫވް ނުކުރުމެވެ. ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ އެތައް ބޭސްތަކެއް ވެސް އެންސްޕާގެ އެޕްރޫވަލް ނުލިބި އެސްޓީއޯއަށް ނުގަނެވިފައި ހުރިކަމަށްވެ އެެވެ.
މި ބައްދަލުވުމުގައި ހަމަ މި ޝަކުވާ ކުރި އެހެން މީހަކު ވެސް ބުނީ، އާދައިގެ ކަމަކަށް ވެސް ރާއްޖޭގެ ހޮސްޕިޓަލުތަކުން ފަރުވާ ނުލިބޭ ކަމަށާއި އެކަމަށް ބޭނުންވާ ކޮލެޓީ ބޭހެއް ވެސް ނުލިބޭ ކަމަށެވެ.
އީފާސްއިން ޕޯޓަލް މެދުވެރިކޮށް އެފަދަ ބޭސްތަކަށް އެދެންޖެހޭތީ ދިމާވާ ދަތިތައް ވެސް ބޮޑު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، "ހަމަ ހަގީގަތުގައި ވެސް ކޮލިޓީ ބޭސް ރާއްޖެއަަކަށް ނުގެނެ" އެވެ. އެކަން އޭނާގެ ތަޖުރިބާއިން ކިޔައިވެސް ދިނެވެ. އެގޮތުން ބުނީ، ޗިކަންގުންޔާ ޖެހިގެން ފައިދުޅަވެ، ފައިނޭޅޭ ހިސާބަށް ދިއުމުން ދެ މަސް ދުވަސް ވަންދެން ރާއްޖޭގެ ތިން ހޮސްޕިޓަލަކުން ފަރުވާ ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ދެ މަސް ދުވަސްވީއިރު ވެސް، އެކަމަށް ފަރުވާއެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ. އޭނާއަށް ފައިއެޅޭވަރުވީ ލަންކާއަށް ގޮސް ހޯދި ފަރުވާއިން ކަމަށް ބުންޏެވެ.
"ލަންކާއަށް، ތިންވަނަ މަހު ގޮސް، ހަމަ ގައިމު ވެސް ތިން ދުވަސްތެރޭ އަޅުގަނޑުގެ ފައި[ރަނގަޅުވެއްޖެ]. ނިކަމެތި ރައްޔިތުންނަކަށް ނުދެވޭނެ މިފަދަ ބޮޑެތި ބަލިތައް ޖެހޭއިރަށް ބޭރަކަށް. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ ރާއްޖެއަށް ރަނގަޅު ކޮލެޓީ ބޭސް ގެންނަން،" އާންމު މީހަކު ބުންޏެވެ. 
މީގެ އިތުރުން، ރާއްޖެއިން ނުލިބޭ ބޭސްތައް އީފާސް މެދުވެރިކޮށް ގެންނަންޖެހުމަކީ، އޭނާ ކަހަލަ ކިޔައިވައިގެން ތިބޭ މީހުންނަށް ވެސް އުނދަގޫ ކަމަަކަށްވާއިރު، އުމުރުން ދުވަސްވީ މީހުންނަށް އެކަން ކުރަން އުނދަގޫވާނެ ވަރު އިހުސާސްކޮށްލަން އޭނާ އެދުނެވެ. 
"ވަރަށް ދަތި އިނގޭތޯ އީފާސް މެދުވެރިކޮށް [ބޭސް] ގެންނަން. އަޅުގަނޑު ވެސް ރަށްޓެއްސެއް ބުނެގެން އޭނާގެ ފޯނުން މަސައްކަތްކޮށްދީފިން ތިން ހަތަރު ފަހަރު. ހަމަ އަނެއް ދުވަހު މެސެޖު އަންނަނީ މިވެނި އެއްޗެއް މަދޭ، އެވެނި އެއްޗެއް މަދޭ،" އޭނާ ބުންޏެވެ. 
އެސްޓީއޯއަށް ހުށަހަޅަައިގެން އެ ބޭސްތައް ހޯދިއިރު މާ ފަސޭހަ ކަމަށާއި އެ އުސޫލު ކުރިން އޮތްގޮތަށް ބަދަލުކޮށްދިނުމަށް އޭނާ އެދުނެވެ. 
"އެހެންވީމާ އޭތި ހަމަ ކުރިން އިން ގޮތަށް އެސްޓީއޯއިން ގެންނަގޮތް ހަދައިދީފިއްޔާ ވަރަށް ރަނގަޅު. ބޭސްތައް އަބަދުވެސް ނުލިބޭ ރަނގަޅު ބޭހެއްވެއްޖެއްޔާ މިހެން އަބަދު އިންނަނީ. ރަނގަޅު ކޮލެޓީ ބޭސް ރާއްޖެ ގެނެވޭގޮތް ހަދައިދެއްވާ،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ