ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ މީހުންނަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އެއްކޮށް ނެގޭނެ ގޮތް ހަދަނީ ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ މީހުންނަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އެއްކޮށް ނެގޭނެ ގޮތް ހަދަނީ

ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ހުންނަ ފައިސާ އެއްކޮށް ނެގޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ރައީސް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މުއިއްޒު ހާމަކުރެއްވީ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތަކާއި ރައްޔިތުންނާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގައި ލިބެމުންދާ ހިޔާލުތަކަށް ރިއާޔަތް ކުރުމަށް ފަހު ގެނެވޭނެ ބަދަލުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި (ދިގު މުއްދަތަކަށް ބޭސް ކުރަން ޖެހޭ ބަލި) އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމަށް މިކަހަލަ ބައެއް ކަންކަން،" އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ހާމަކުރެއްވި އެވެ.
ޕެންޝަނާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓު ދެއްކުމަށް އެ ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެ އެވެ.
"ހައުސިންގައި މިހާރު ދެވޭ ފުރުސަތުތަކުގެ އިތުރަށް ހައުސިންއާ ގުޅޭ އެކި ކަންކަން، އިތުރު ކަންކަން ކުރެވޭނެހެން ކޮލަޓަރައިޒް ކުރެވޭ ގޮތަށް ހިމެނުމާއި، މިކަހަލަ އިތުރު ފުރުސަތުތައް ހިމެނޭ ގޮތަށް ޕެންޝަން ގާނޫނު އިސްލާހު ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
އެ ބަދަލުތައް ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވާނެ ކަމަށާއި އޭރުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރުމުގެ އިތުރު ފުރުސަތުތައް އާންމުންނަށް ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންނާ ބައްދަލުކުރުމަށް މުއިއްޒު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ޕެންޝަން ފަަންޑުގައި ހުންނަ ފައިސާ ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ބައެއް އާންމުން އަންނަނީ ކުރަމުންނެވެ.
ގެދޮރު ގަތުމުގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށް ވެސް އެ ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެ އެވެ. އެގޮތުން ދޫކުރަނީ އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ 80 ޕަސެންޓަށް ވާ ފައިސާ އެވެ.
ރާއްޖޭގައި ޕެންޝަން ލިބޭ އުމުރަކީ 65 އަހަރެވެ. އެ އުމުރު ހަމަނުވާ ކޮންމެ މީހަކަށް ޕެންޝަން ދިނުމަށްޓަކައި ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި އެ ސްކީމުގައި ބައިވެރިވުމަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ