އިންޓްރެސްޓާއި ލޯނު ދައްކަން 9.5 ބިލިއަން ހޭދަކޮށްފި، އެއީ އާމްދަނީގެ 25 އިންސައްތަ

ދައުލަތުން ނަގާފައިވާ ލޯންތަކުގެ އިންޓްރެސްޓާއި ފައިނޭންސިން ޚަރަދުގެ ގޮތުގައާއި ލޯނު އަނބުރާ ދައްކަން 9.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގިއްޖެއެވެ. ދަރަނި ދެއްކުން ފަސްކުރުމުގެ ސަބަބުން ރާއްޖޭން ކޮންމެ އަހަރަކު ވެސް އިންޓްރެސްޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހިމެނޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައި ވާގޮތުން އާމްދަނީގެ ގޮތުގައި މި އަހަރު މިހާތަނަށް 36 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި، ސަރުކާރުން ވަނީ މިހާތަނަށް 38 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ހިސާބުތަކުގައި ވާގޮތުން އޭގެ ތެރެއިން 4.35 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ލޯންތައް ރީފައިނޭންސްކުރުމަށާއި އިންޓްރެސްޓް ދެއްކުމަށެވެ. އެއީ، އެ ކަމަށް ބަޖެޓުކުރި 5.5 ބިލިއަން ރުފިޔާއަށްވުރެ 1.2 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އެކަމަކު، މިދިޔަ އަހަރު އެ ކަމަށް ޚަރަދުކުރި 4.5 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެކެވެ. https://sun.mv/215421 އިންޓްރެސްޓަށް މި ވަރުގެ ބޮޑު އަދަދެއް ހޭދަކުރިއިރު، ދަރަނި އަނބުރާ ދައްކަން ވެސް ބަޖެޓުން ފަސް ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، އެ ކަމަށް ބަޖެޓުކުރި 3.8 ބިލިއަން ރުފިޔާއަށް ވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރު ދަރަނި ދައްކަން ބަޖެޓުން ހޭދަކުރި 2.3 ބިލިއަން ރުފިޔާއަށްވުރެ 2.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންވެ، މި އަހަރު ދަރަނި އަނބުރާ ދައްކާށާއި، އިންޓްރެސްޓާއި ރީފައިނޭންސްކުރުމާ އެކު ދަރަނީގެ ކަންކަމަށް 9.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މި އަހަރު މިހާތަނަށް ލިބުނު އާމްދަނީގެ 25 އިންސައްތައެވެ. އަދި އެއީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދުކުރި 7.3 ބިލިއަނަށްވުރެ ވެސް ދެ ބިލިއަނަށްވުރެ އިތުރު އަދަދެކެވެ. މި އަހަރު ދަރަންޏަށް މި ވަރުގެ ބޮޑު ހޭދައެއް ކުރަންޖެހުނުއިރު، އަންނަ އަހަރަކީ މާ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަންޖެހޭ އަހަރެކެވެ. https://sun.mv/214915 އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރާ އެކު، އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެހެންވެ، ސަރުކާރުން ވަނީ އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެއް ފާސްކޮށްފައެވެ. އެކަމަކު، އެ ދަރަންޏާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް އެ ކަންބޮޑުވުންތައް ފާހަގަކޮށް ރާއްޖެއަށް ދީފައި އޮތީ 'ޖަންކް' ރޭޓިންއެކެވެ. އެއީ، ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވުމުން ދޭ ރޭޓިންއެކެވެ. ދަރަންޏާ މެދު ކަންބޮޑުވުން ބޮޑުއިރު، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދޭކަމުގެ ކަންބޮޑުވުން ވެސް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ