ކާރިސާގެ ވަގުތުގައި އެހީވުމަށް، ސްޓާލިންކުން ލަންކާއަށް 100 ޔުނިޓް ހަދިޔާކޮށްފި

ސްރީލަންކާއަށް ދިމާވާ ގުދުރަތީ ކާރިސާތަކުގެ ވަގުތުގައި މުވާސަލާތީ ނިޒާމު މެދުކެނޑުނަ ނުދީ ހިފެހެއްޓުމަށްޓަކައި، އީލޮން މަސްކްގެ ސްޓާލިންކުން އެގައުމަށް 100 ސެޓެލައިޓް އިންޓަނެޓް ޔުނިޓް ހިލޭ ހަދިޔާކޮށްފިއެވެ. މި އެހީއަކީ ކާރިސާތަކުން އަރައިގަތުމަށް ލަންކާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ ސްރީލަންކާ ސަރުކާރުން "ސްޕޭސްއެކްސް" އާއެކު ބޭއްވި މުހިންމު މަޝްވަރާތަކަކަށް ފަހުގައެވެ. މި އެހީގެ މައިގަނޑު ބޭނުމަކީ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި ބިންމަތީގައި ޤާއިމުކޮށްފައި ހުންނަ މުވާސަލާތީ ޓަވަރުތަކަށް ގެއްލުންވެ، ފޯނާއި އިންޓަނެޓްގެ ޚިދުމަތް ކެނޑިގެންދާ ހާލަތްތަކުގައި ވެސް މުވާސަލާތީ ގުޅުން ދެމެހެއްޓުމެވެ. https://sun.mv/208092 ސްޓާލިންކް ޔުނިޓްތަކަކީ ސެޓެލައިޓް މެދުވެރިކޮށް ސީދާ އިންޓަނެޓް ލިބޭ ނިޒާމަކަށް ވުމުން، ކާރިސާގެ ވަގުތުގައި އާންމު ކަރަންޓުގެ ޚިދުމަތް ކެނޑުނު ނަމަވެސް، ޖަނަރޭޓަރު ނުވަތަ ބެޓެރީ ބޭނުންކޮށްގެން މި ޔުނިޓްތައް ހިންގޭނެއެވެ. މީގެ ސަބަބުން މުވާސަލާތީ ވިއުގަތައް މުޅިން ހަލާކުވެފައިވާ ސަރަހައްދުތަކުގައި ވެސް ހައިސްޕީޑް އިންޓަނެޓްގެ ޚިދުމަތް ލިބިގެންދާނެއެވެ. މި ޔުނިޓްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މީހުން ސަލާމަތްކުރާ ޓީމުތަކާއި ކާރިސާއާ ބެހޭ އިދާރާތަކުންނެވެ. މިކަމުގެ ސަބަބުން ކާރިސާ ހިނގާ ސަރަހައްދުތަކުގެ ވީޑިއޯ އާއި ފޮޓޯ އަދި އެހެނިހެން މުހިންމު މައުލޫމާތު ވަގުތުން ވަގުތަށް މައި އިދާރާތަކަށް ފޮނުވުމުގެ މަގުފަހިވެ، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް އަވަސްވެގެންދާނެ ކަމަށް ލަންކާގެ އޮފިޝަލުން ވިދާޅުވެއެވެ. ޚާއްސަކޮށް ފަރުބަދަމަތީ ސަރަހައްދުތަކާއި ދުރު ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ކާރިސާގެ ވަގުތުގައި މުވާސަލާތު ކުރުމަށް މި ޔުނިޓްތަކުގެ ސަބަބުން ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އެފަދަ ސަރަހައްދުތަކަކީ އާންމު ހާލަތުގައިވެސް މުވާސަލާތީ ޚިދުމަތް ހޯދުމަށް ދަތިތައް ހުންނަ ސަރަހައްދުތަކަށް ވުމާއެކު، ކާރިސާއެއްގައި އެކަހެރިވިޔަ ނުދިނުމަށް މިއީ މުހިންމު ވަސީލަތެކެވެ. ސްޓާލިންކްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ސްރީލަންކާ ސަރުކާރުން ދީފައިވާއިރު، މިއީ ޓެކްނޮލޮޖީގެ އެހީގައި ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ނިޒާމު ޒަމާނީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. މީގެ ކުރިން ވެސް ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވި ބޮޑެތި ކާރިސާތަކުގައި، މުވާސަލާތީ ގުޅުން ގާއިމުކުރުމަށް ސްޓާލިންކުން ވަނީ މިފަދަ އެހީތައް ފޯރުކޮށްދީފައެވެ. މިފަހުން ވެސް ތޫފާނުގެ އަސަރުކޮށް މުޅި ލަންކާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައެވެ. އެތައް ބަޔަކު މަރުވެ, އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ