ޗެތުރީ އެންމެ ފަހުން މެސީ އަށް ހާއްސަ އިވެންޓްްގައި ބައިވެރިވެއްޖެ ޗެތުރީ އެންމެ ފަހުން މެސީ އަށް ހާއްސަ އިވެންޓްްގައި ބައިވެރިވެއްޖެ

މުމްބާއި، އިންޑިއާ (ޑިސެމްބަރު 14) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީ، އިންޑިއާ އަށް ކުރާ ތިން ދުވަހުގެ ދަތުރުގެ ތެރެއިން، މުމްބާއީގައި ކުރިއަށްދާ އިވެންޓްގައި، އިންޑިއާގެ ލެެޖެންޑަރީ ފޯވާޑް، ސުނިލް ޗެތުރީ ބައިވެރިވެއްޖެ އެވެ.
އިންޑިއާގެ ސަރުކާރުންނާއި ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ހޭދަތަކެއް ކޮށްގެން، މެސީ، އިންޑިއާ އަށް ގެނެސްގެން ކުރިއަށްގެންދާ، "ގޯޓް ވިޒިޓް އިންޑިއާ ޓުއާ" މި އިވެންޓްތައް އިއްޔެ ކަލްކަތާ އިން ފެށިއިރު މާދަމާގެ ނިޔަލަށް ކަންކަން ހުރީ ރޭވިފަ އެވެ.
މި ޓުއާގައި، އިންޑިއާގެ ކަލްކަތާ، ހައިދަރުއާބާދަށް މެސީ އިއްޔެ ވަނީ ގޮސްފަ އެވެ. އަދި، މިހާރު ބައިވެރިވަމުން އަންނަނީ މުމްބައިގައި ރޭވިފައިވާ އިވެންޓްގަ އެެވެ.
އެ ގޮތުން، ވަންކެޑޭ ސްޓޭޑިއަމްގައި ކުރިއަށްދާ އިވެންޓްގައި ޗެތުރީ ވަނީ މެސީއާ ބައްދަލުކޮށްފަ އެވެ. އަދި، މެސީ ވަނީ ސޮއިކޮށްފައިވާ ޖޯޒީއެއް ޗެތުރީ އަށް ހަދިޔާކޮށްފަ އެވެ. އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ތަރި، ސަޗިން ޓެންޑުލްކާ އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ވެސް ވަނީ މެސީއާ މިއަދު މުމްބާއިގެ އެކި އިވެންޓްތަކުގައި ބައްދަލުކޮށްފަ އެވެ.
މެސީއާ އެކު، ޗެތުރީގެ ބައްދަލުވުމެއް ބާއްވަން، މި އިވެންޓްގެ އޮގަނައިޒަރުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އިންޑިއާގެ ގިނަ ނޫސްތަކުން މީގެ ކުރިން ރިޕޯޓްކުރި ގޮތުގައި، ޗެތުރީ ވަނީ މެސީއާ ބައްދަލުކުރަން މި ހުށަހެޅި ދައުވަތު ގަބޫލުކުރަން ބޭނުންނުވާ ކަމަށް އަންގައިފަ އެވެ. އެއީ، މި ވަގުތު އިންޑިއާ ފުޓްބޯޅަައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، މެސީ ފަދަ ކުޅުންތެރިއަކު ގެނެސްގެން، ފުޓްބޯޅައިގެ ހަރަކާތް މަދުކޮށް ހިންގާ ކަންތައްތަކެއްގައި ބައިވެރިވާން ބޭނުންނުވާތީ އެވެ.
އެހެން ނަމަވެސް، މީޑިއާގައި ދެކެވުނު ވާހަަކަތަކާ ހިލާފަށް މެސީގެ އިވެންޓްގައި ބައިވެރިވެ، ޗެތުރީ މި ވަނީ މެސީއާ ބައްދަލު ވެސް ކޮށްފަ އެވެ.
"ގޯޓް ވިޒިޓް އިންޑިއާ ޓުއާ" ގެ ފުރަތަމަ އިވެންޓްތައް އިއްޔެ ކުރިއަށްދިޔައިރު، ތަފާތު މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ކަލްކަތާގެ މަޝްހޫރު ދަނޑު، ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީ އަށް މަރުހަބާ ކިއުމަށް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބައި، މެސީ، އެ ދަނޑަށް އައިސް، ބައިގަނޑިއިރު ވެސް ނުވަނިސް ދިއުމުން، ގިނަ ސަޕޯޓަރުންތަކެއްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ދަނޑަށް އަރައި، ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.
އެތައް ބަޔަކު ދިގު ދަތުރުތަކެއް ކޮށްފައި، އަގުބޮޑުކޮށް ޓިކެޓް ގަނެގެން، މެސީ ބަލާލުމަށްޓަކައި، ދަނޑަށް ވަދެ ގިނަ އިރުތަކެއް ވަންދެން ތިބި ނަމަވެސް، އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން، މެސީ ނުފެނި، ގިނަ ބަޔަކަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނީ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މެސީގެ ސެކިއުރިޓީ ޕްރޮޓޮކޯލުން، ސޯލްޓް ލޭކް ދަނޑުގައި އިންތިޒާމް ހުރި ގޮތުން ހިތްހަމަނުޖެހި، އެ ތަނުގައި މަދު ވަގުުތު މަޑުކުރަން ނިންމީ އެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގެ އިވެންޓްގައި އިންޑިއާގެ ގިނަ ސިޔާސީ މީހުން ބައިވެރިވެ، މެސީއާ އެކު ފޮޓޯ ނަގައި ހެދި އެވެ.
މި އިވެންޓްގެ މައްސަލަ ހޫނުވެ، އެންމެ ފަހުން، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަޖީ ވަނީ، މެސީ އާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.
އަދި، ސޯލްޓް ލޭކް ސްޓޭޑިއަމްގެ އެ އިވެންޓްގެ އިންތިޒާމްގެ ކަންކަން އެހާ ދޯދިޔާކޮށް ހަމަޖައްސާފައި ހުރި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، އެކަން ބަލައި ތަހުގީގު ކުރަން ހާއްސަ އިންކުއަރީ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް މަމްތާ ބެނަޖީ ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން، އިންޑިއާގެ ފުލުހުން ވަނީ، ސޯލްޓް ލޭކް ސްޓޭޑިއަމްގައި އިވެންޓް މެނޭޖްމަންޓްގައި އިސްކޮށް ހަރަކާތްތެރިވި، ސަތަދްރޫ ދައްތާ ހައްޔަރުކޮށްފަ އެވެ.
މެސީއާ އެކު، މި ދަތުރުގައި، އޭނާއާ އެކު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް ވެސް ބައިވެރިވެ އެވެ.
މި ދަތުރުގެ ކުރިން، އެންމެ ފަހުން، މެސީ، އިންޑިއާ އަށް ދިޔައީ، 2011 ވަނަ އަހަރު މެޗެއް ކުޅުމަށެވެ. އެއީ، ސޯލްޓް ލޭކް ސްޓޭޑިއަމްގައި، ވެނެޒުއޭލާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗަކަށެވެ، އެ މެޗަށް ވެސް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ވަދެފައިވެ އެެވެ. އަދި، ފޭކު ޓިކެޓް ގަނެގެން ދަނޑަށް ގިނަ ބަޔަކު ވަން މައްސަލަތަކެއް ވެސް ކުރިމަަތިވެފައިވެ އެވެ. އެހެން ނަމަވެސް، މި ފަހަރު، ސޯލްޓް ލޭކުގައި ކަންތައްތައް ހިނގައިދިޔަ ގޮތަށް ހާލަތު އެހާ ގޯހެއް ނުވެ އެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިންތަކެއް ބައިވެރިވާ އިވެންޓެއްގައި ކަން ހިނގަން ނުޖެހޭ އެތައް ގޮތަކަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
އޭއައިއެފްއެފް އިން ބުނީ، މިއީ، ޕްރައިވެޓް އެޖެންސީ އަކުން ރާވާފައިވާ ހަރަކާތެއް ކަމަށާއި މި ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ފެޑެރޭޝަނާ ހިއްސާކޮށްފައިނުވާ ކަމަށެެވެ. އެހެން ނަމަވެސް، ފުޓްބޯޅައިގެ މި ފަދަ ތަރިންނާ ގުޅޭ އިވެންޓްތަކެއް ކުރިއަށްދާއިރު، އިންޑިއާ ފުޓްބޯޅައިގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، އޭއައިއެފްއެފް އިން ވަނީ، މެސީގެ މި ދަތުރުގެ އިވެންޓްތަކުގައި ބައިވެރިވާ ފަރާތްތަކުން ސެކިއުރިޓީގެ ކަންކަމަށް ބޯލަނބައި މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރަން ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ