ރަނގަޅު ފޯމު ދަމަހައްޓައި ސިޓީ އާއި ވިލާ އިން އާސެނަލް ފަަހަތުގައި ވިއްދައިފި ރަނގަޅު ފޯމު ދަމަހައްޓައި ސިޓީ އާއި ވިލާ އިން އާސެނަލް ފަަހަތުގައި ވިއްދައިފި

ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ އިން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ފަހަތުގައި ވިއްދައިފި އެވެ.
ކްރިސްޓަލް ޕެލަސް ދަނޑުގައި 3-0 އިން މޮޅުވެ، ސިޓީން ވަނީ ޖެހިޖެހިގެން ހޯދި ފަސް ވަނަ މޮޅާ އެކު، އާސެނަލާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ވެސްްޓް ހޭމް ޔުނައިޓެޑް ދަނޑުގައި ފަހަތުން އަރައި، 3-2 އިން މޮޅުވެ، އެސްޓަން ވިލާ އިން ޖެހިޖެހިގެން ނުވަ ވަަނަ މެޗުން ވަނީ ކާމިޔާބު ހޯދައިފަ އެވެ.
ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 16 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ސިޓީ އަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ވިލާގެ އޮތީ 16 މެޗުން 33 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕެލަސް އަށް ލީޑުނަގައިދޭން ޔެރެމީ ޕިނޯ އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ސިޓީން ލީޑުނެގީ، މަތިއުސް ނޫނޭޒް ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ. ޕެލަސް އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދޭން އެޑަމް ވާޓަން ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ސިޓީން ލީޑުފުޅާކުރީ 69 ވަަނަ މިނިޓްގައި ރަޔާން ޗާކީ ދިން ބޯޅައަކުން މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފިލް ފޯޑެން ޖެހި ގޯލުންނެވެ. އަދި، މެޗުގެ 89 ވަނަ މިނިޓްގައި ހާލަންޑް ވަނީ ޕެނަލްޓީ އަކުން ސިޓީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން، އެ ޓީމުގެ އޭރިއާތެރެއިން ސިޓީގެ ސަވީނިއޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މިއީ، ހާލަންޑް މި ފަހަރު ލީގުގައި ޖެހި، 17 ވަނަ ގޯލެވެ.
މިރޭގެ މެޗުގައި ވިލާ މޮޅުކޮށްދިން ދެ ލަނޑު ވެސް ޖެހި ރޮޖާސް: މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮޖާސް ވަނީ އިންގްލެންޑް ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފައި.
ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން 29 ވަނަ ސިކުންތުގައި، މަޓެއުސް ފެނާންޑޭސް ވަނީ ވެސްޓް ހޭމަށް ލީޑުނަގައިދީފަ އެވެ. މިއީ، މި ފަހަރުގެ ޕްރިމިއާ ލީގުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. މީގެ ކުރިން އެންމެ އަވަސް ގޯލަކަށް މި ފަހަރު ލީގުގައި ޖެހީ، ހޮނިހިރު ދުވަހުގެރޭ 46 ވަނަ ސިކުންތުގައި، ލިވަޕޫލްގެ ހޫގޯ އެކިޓީކޭ، ބްރައިޓަން ކޮޅަށެވެ.
މެޗުގެ 29 ވަނަ މިނިޓްގައި، ވެސްޓް ހޭމަށް ކުޅޭ ގްރީސް ޑިފެންޑަރު، ކޮންސްޓަންޓީނޯސް މަވްރަޕޯނަސް އަތުން ބައިކޮޅަށް ވަން ގޯލުން ވިލާ އިން އެއްވަރުކުރި ނަމަވެސް، ޖެރަޑް ބޮވެން ވަނީ މެޗުގެ 24 ވަނަ މިނިޓްގައި ލަނޑު ޖަހައި، އަލުން ވެސްޓް ހޭމަށް ލީޑުނަގައިދީފަ އެވެ.
ވިލާ މޮޅުވީ ދެ ވަނަ ހާފުގައި، މޯގަން ރޮޖާސް ޖެހި ދެ ގޯލުންނެވެ. އޭނާ ފުރަަތަމަ ލަނޑު ޖެހީ، ދެ ވަަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ، ޔޫރީ ޓީލަމަންސް ދިން ބޯޅައަކުންނެވެ. އަދި، ރޮޖާސް ވަނީ، 79 ވަނަ މިނިޓްގައި، ވިކްޓަ ލިންޑެލޯފް ދިން ބޯޅަަކުން ވިލާ މޮޅުވި ގޯލު ޖަހައިފަ އެވެ.
މި ފަަހަރުގެ ސީޒަން ފަށައިގެން ދަށް ރެކޯޑަކާ އެކު އޮތް ވިލާ އިން މިހާރު މި ވަނީ އެ ޓީމުގެ ސީޒަން ބަދަލުކޮށްލައިފަ އެވެ. އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅޭ ވިލާ އިން އެންމެ ފަހުން ކުޅުނު ނުވަ މެޗުން މޮޅުވިއިރު، އޭގެ ތެރޭގައި އަމިއްލަ ދަނޑުގައި ސިޓީ އާއި އާސެނަލް އަތުން މޮޅުވި މެޗުތައް ވެސް ހިމެނެ އެވެ. ވިލާ އޮތީ ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ވެސް ތިން ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ