"އަލްވަދާއު" ބެލުންތެރިންގެ ހިތްތަައް އަތުލައިފި

މި އަހަރުގެ އެންމެ ފަހު ފިލްމު "އަލްވަދާޢު" ސްކްރީނަށް އައުމާއެކު، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ހޯދައިފިއެވެ. މި އަހަރަކީ ދިވެހި ގިނަ ފިލްމުތަކެއް އޮލިމްޕަހުގެ ސްކްރީނަށް އައި އަހަރެކެވެ. އަދި މި ކާމިޔާބު އަހަރު ނިންމާލަން ޑާކް ރެއިން އެންޓަޓެއިންމަންޓުން ދައްކަން ފަށައިފައިވާ "އަލްވަދާޢު" އޮލިމްޕަހުން ދައްކަން ފެށީ، މި މަހުގެ އެއް ވަނަ ދުވަހެވެ. މިއާއެކު ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މި ފިލްމުގެ ލީޑް ރޯލުން ފެންނަނީ މިހާރު އަރަމުން އަންނަ ހުނަރުވެރި، ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރި، ޝަރަފް އަބްދުﷲ އާއި، ހުނަރުވެރި އެކްޓްރެސް މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުގެ ޓްރެއިލާއާއި ލަވަތައް ނެރުމާއެކު ވެސް، ގިނަ ބަޔެއްގެ ސަމާލުކަން ލިބި، އޮލިމްޕަހުގައި އަޅުވާ ދުވަހަކަށް އިންތިޒާރުކުރަން ފެށިއެވެ. ފިލްމުގެ ޓްރެއިލާ ފެށެނީ މަޖުދާ ދައްކުވައިދޭ ކެރެކްޓަރަށް، އޭނާގެ ލޯބިވެރިޔާ ކައިވެނި ހުށަހަޅާ މަންޒަރަކުންނެވެ. ނަމަވެސް ހިތާމަވެރި އެކްސިޑެންޓެއްގެ ސަބަބުން މަޖުދާއަށް ނުހިނގޭ ގޮތްވެ، ފުރޮޅުލީ ގޮނޑިއެއްގައި އުޅެން ޖެހުމުގެ ސަބަބުން އެ ގުޅުން ނިމުމަކަށް އަންނަ މަންޒަރުތައް ޓްރެއިލާގައި ދައްކުވައިދެއެވެ. އަދި ޝަރަފްގެ ކެރެކްޓާއާ ދިމާވަނީ އޭގެ ފަހުން ކަމަށް ޓްރެއިލާއިން ދޭހަވެއެވެ. އަސަރުގަދަ ލޯބީގެ މި ފިލްމު ބަލާފައި ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ފިލްމަށް ތައުރީފު ކުރަމުންނެވެ. އަދި މި ފިލްމުގެ ލީޑުންގެ ގޮތުގައި ފެންނަ ތަރިންގެ އިތުރުން ސަޕޯޓިން ރޯލްތަކުން ފެނުނު ތަރިންގެ ހުނަރަށްވެސް އެހާމެ ބޮޑު ތައުރީފެއް ވަނީ ލިބިފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ފިލްމީތަރި، ޝީލާ ނަޖީބްގެ ހުނަރަށް ގިނަ ބަޔަކު ތައުރީފު ކުރިިއިރު، އަރަމުން އަންނަ ތަރިން ކަމަށްވާ އައިޝަތު ލައިޝާ ލަތީފާއި މަޒީން ހާޒިފްގެ އެކްޓިން ވަރަށް ފުރިހަމަކަން ވަނީ ފާހަގަކޮށްފައެވެ. ފިލްމު ބެލި ގިނަ ބެލުންތެރިން އެންމެ އުފަލާއެކު ފާހަގަކޮށްފައިވަނީ، މިއީ އާއިލާއާ އެކު ބަލައިލެވޭ އަދި މުޖުތަމައުއަށް ރަނގަޅު މެސެޖުތަކެއް ލިބިގެންދާ ފިލްމެއް ކަމެވެ. ފިލްމު ބަލާފައި މީހަކު ސޯޝަލް މީޑިއާގައި، ބުނެފައިވަނީ އޭނާއަކީ ފިރިހެނެއް ނަމަވެސް އަލްވަދާއު ބަލާފައި، ނުރޮއެ ނީންދެވުނުކަމަށެވެ. ފިލްމު އަލްވަދާއުން ފެންނަނީ މައިންބަފައިންނާއި ދަރިންގެ ގުޅުމާއި، މަންމަގެ ލޯތްބާއި އަޅާލުމުގެ މުހިންމުކަން ކަމަށް އޭނާ ފާހަގަކުރިއެވެ. މުޖުތަމައުގައި ހުރި ކަންތައްތަކެއްގެ ސަބަބުން ކުރިމަތިލާންޖެހޭ އެކި ގޮންޖެހުންތަކާއި އެފަދަ ކަންކަމުގެ ސަބަބުން ނިކުމެދާނެ ހިތްދަތި ނަތީޖާގެ މައްޗަށް ވަރަށް ފުރުހަމައަށް އަލިއަޅުވާލާފައިވާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ޝަހުދާ މުހައްމަދު (ޝާހޫ)އެވެ. އަދި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަލީ ޝިފާޢު (ޗިއްޕޭ) އެވެ. އަލްވަދާޢުއަކީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރު ނެރުނު ދެވަނަ ފިލްމެވެ. ޑާކްރެއިންގެ ފިލްމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަދި "އަލްވަދާޢު" ދެވަނަ ފަހަރަށް ބަލާލަން ބޭނުންވާ ފަރާތްތަކަށް އަދިވެސް ފުރުސަތު އެބައޮތެވެ. ފިލްމުގެ ފަހު ޝޯތައް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ފިލްމުގެ ޓިކެޓް ގަތުމަށް 9911229 ނަމްބަރަށް ވައިބާ ކުރުމުން އޮލިމްޕަހަށް ނުގޮސް ޓިކެޓް ގަނެވޭނެ އިންތިޒާމު ޑާކްރެއިންއިން ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ